ކުޅިމަގު ބަލިކޮށް އެންވީކޭ ހަމަޖެހިލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަ ބުރުގެ ހަތަރުވަނަ މެޗްގައި އިއްޔަ ހަވީރު އެންވީކޭ އިން ކުޅިމަގު ބަލިކޮށްފިއެވެ. އެމެޗް މެޗް އެންވީކޭ ކާމިޔާބުކުރީ 3-0 ގޯލުންނެވެ.

މިމެޗްގައި އެންވީކޭ ޖެހި 3 ގޯލްގެ ތެރެއިން ދެ ގޯލް މަދީހް ޖަހާފައިވާއިރު، މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޔާމީންވެސް ގޯލެއް ޖެހިއެވެ. އެންވީކޭއިން ގިނަ ހަމަލާތަކެއް އުފެއްދި މިމެޗްގައި އެޓީމަށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއްލިބިވަނީ ބޭކާރު ވެފައެވެ.

މިނަތީޖާޔާއި އެކު ސީދާ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އޮތް ހަމައެކަނި ޓީމެއްގެ ގޮތުގައި މިހާރު އޮތީ އެންވީކޭ އެކަންޏެވެ. މިމުބާރާތުގައި މިއަދު ހަވީރު މެޗެއް ކުޅޭނެއެވެ. އެމެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ޖަންގަލްއެވެ.

މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ސެންސީޓީ، އެންވީކޭ، ޖަންގަލް އަދި ކުޅިމަގެވެ. ދެވަނަ ބުރަށް ދަތުރުކުރި ހަތަރުޓީމްގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭނެއެވެ. ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނަމަ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 15ވާ އާދިއްތަ ދުވަހުގެ ހަވީރުއެވެ.