ސިޓީ ރޮށްވާލުމަށްފަހު ކުޅިމަގު ސެމީ ފައިނަލަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަ ބުރުގެ ފަހު މެޗްގައި މިއަދު ހަވީރު ސެންސިޓީ އަދި ކުޅިމަގު ބައްދަލުކުރި މެޗް 4-1 އިން ކުޅިމަގު ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗަށް ނުކުތްއިރު، ކުޅިމަގު ސެމީ ފައިނަލަށް ދިއުމަށް ސެންސިޓީގެ މައްޗަށް 3 ގޯލަށް ވުރެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވާން ޖެހެއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ސެމީ ފައިނަލަށް ދަތުރުކުރާނީ ސެންސިޓީއެވެ. އެހެންކަމުން މިމެޗަށް ސެންސިޓީ ނުކުތީ ވަރަށްބޮޑު ޔަޤީން ކަމަކާ އެކުއެވެ. ނަމަވެސް ސަސްޕެންޝަނުގެ ސަބަބުން ސެންސިޓީގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަލީ އަށް މިއަދުގެ މެޗްގައި ނުކުޅެވުމަކީ އެޓީމަށް ކުރިމަތިވެފައޮތް ބޮލުގަ ރިހުމެކެވެ.

މެޗްގެ ވަރަށް ކުރީކޮޅު ސެންސިޓީން ގޯލެއް ޖަހާ އިތުރުބާރު ބޮޑުކުރިނަމަވެސް އެޓީމަށް މައްސަލަތައް ދިމާވަންފެށީ އެޓީމްގެ އެއްތަނބު ކަމަށްވާ އަބުދުﷲ ޝާނީޒް (ކަނބުލޮ) އަށް އަނިޔާވެގެން ހެލްތް ސެންޓަރަށް ފޮނުވާލަންޖެހުނު ހިސާބުންނެވެ. ކުޅިމަގުވަނީ ހިއްވަރުނެރެ ފަހަތުން އަރާ 4 ގޯލްޖަހާ ސެންސިޓީ ބަލިކޮށްފައެވެ. މިއަދުގެ މެޗްގައި ސިޓީން ޖެހި ހަމައެކަނި ގޯލް ޖެހީ އެޓީމްގެ ސަމީއު އެވެ. ކުޅިމަގުގެ ގޯލްތައް ސާލިމް، ސާމިލް އަދި ނާޝިދް ކާމިޔާބުކުރިއިރު ސެންސިޓީގެ ޒަހުވާނު އަށް ބައިކޮޅަށްވެސް ގޯލެއް ޖެހުނެވެ.

މިނަތީޖާއާއިއެކު ކުޅިމަގުވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެޓީމުން ސެމީ ފައިނަލްގައި ނުކުންނާނީ ޖަންގަލްއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިމަހުގެ 13 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ. އެންވީކޭ އެއްކޮޅުން ފައިނަލަށް ދަތުރުކޮށްފައިވާއިރު ސެމީ ފައިނަލުން ކުރިހޯދާ ޓީމަކާ ދެކޮޅަށް އެޓީމުން ފައިނަލަށް ނުކުންނާނީ މިމަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރުއެވެ.