މިދިޔަ އަހަރުގެ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޖަންގަލް ޓީމް މިއަހަރުގެ މުބާރާތައްވެސް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މިދިޔަ އަހަރުގެ މުބާރަތުގައި ވަރަށް ކުރިއާލައި ތައްޔާރުވެ މުބާރާތުގެ މޮޅުކުޅުމެއް ދައްކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޖަންގަލް ޓީމުން 2018 ވަނަ އަހަރުގެ މައިކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ވަނީ ރަށުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާއި އެކު އެއްބަސް ވުމަކަށް އައިސް އެކުޅުންތެރިންގެ ސޮއި އެޓީމަށް ހޯދާފައެވެ.
ޖަންގަލް ޓީމްގެ ރަސްމީ ފޭސްބުކު ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާ ގޮތުން މިދިޔަ އަހަރު އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނާއި އިތުރު ޒުވާންކުޅުންތެރިންތަކެއްވެސް ވަނީ އެޓީމަށް މިއަހަރު ކުޅެދިނުމަށް އެއްބަސްވެފައެވެ. މިގޮތުން މިދިޔަ އަހަރު އެޓީމަށް ކުޅުނުކުޅުންތެރިންގެ ތެރެއިން ޖަންގަލްޓީމާއި އެކު ނިކުމެ މޮޅުކުޅުމެއް ދައްކާފައިވާ ތިންކުޅުން ތެރިން ކަމަށްވާ ފޯވާޑް މުޙައްމަދު ޝާނިއު (ޝާންޓޭ) އާއި މިޑްފީލްޑަރ މުހައްމަދު މުނައްވަރު (ޕެޑްރޯ) ގެ އިތުރުން ޑިފެންޑަރ މުހައްމަދު ޝިނާޒް (ބޭސް) ވެސް ވަނީ 2018 ވަނަ އަހަރުވެސް ޖަންގަލްޓީމުގައި މަޑުކުރުމަށް ނިންމާފައެވެ. އަދި މިކުޅުންތެރިންގެ އިތުރުން އުއްމީދީ ޒުވާން ފޯވާޑް ހަސަން ޝާމިލް (ސާލޭ) އާއި މިދިޔަ އަހަރު ޖަންގަލް ރީ ޔުނައިޓެޑް ޓީމްގައި މޮޅުކުޅުމެއް ދެއްކި އަރަމުން އަންނަ ޒުވާން ގޯލް ކީޕަރ މުހައްމަދު ޒަޔާންވެސް ވަނީ ޖަންގަލް ޓީމާއި ގުޅިފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެންވީކޭ ޓީމަށް ކުޅެފައިވާ އިތުބާރު ފޯވާޑް އަހްމަދު މުނީޒް (ޓޯނީ) އާއި ސެންސިޓީ ޓީމަށް ކުޅެފައިވާ ޑިފެންޑަރ މުޙައްމަދު ވިޝާމް (ވިއްޓެ) ވެސް ވަނީ ޖަންގަލް ޓީމާއި ގުޅިފައެވެ. މިކުޅުން ތެރިންގެ އިތުރުން މިދިޔަ އަހަރުވެސް ޖަންގަލް ޓީމަށް ކުޅުނު ގިނަކުޅުންތެރިންގެ އިތުރުން އިތުރު ކުޅުންތެރިންވެސް ވަރަށް އަވަހަށް ޓީމާއި ގުޅޭނޭ ކަމަށްވެސް ޖަންގަލް ޓީމުން ކޮށްފައިވާ ޕޯސްޓަގައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުވެސް ޖަންގަލް ޓީމަށް ކުޅެފައިވާ ރަށުންބޭރު ދެ ކުޅުންތެރިން ކަމުގައިވާ އިހްސާން މަންސޫރު (ގައްރަ) އާއި މިދިޔަ އަހަރު ޖަންގަލް ޓީމަށް މައިކަޕްގެ ތަށި ހޯދައި ދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްދީފައިވާ މިހާރުގެ ޤަޢުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ވެސް އެޓީމުން މިއަހަރުވެސް ފެނިގެންދާނެއެވެ.
މިދިޔަ އަހަރުއްސުރެ ޖަންގަލް ޓީމް ފާހަގަވެގެން ގޮސްފައިވަނީ ވަރަށް ގިނަ ބައެއްގެ އެއްބާރު ލުމާއި އެކު ވަރަށް ކުރިއާލައި މުބާރާތަށް ތައްޔާރުވާ ހަރުދަނާ މެނޭޖްމަންޓެއް އޮންނަ ވަރަށް ޓީމް ވޯކް ރަގަޅު ޓީމެއްގެ ގޮތުގައެވެ. މިއަހަރުވެސް އެޓީމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ ދާދި ފަހުން އޭ އެފްސީ ސީ ލައިސަންސް ކޯސް ފުރިހަމަ ކޮށްފައިވާ މިދިޔަ އަހަރުވެސް އެޓީމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ހުސައިން ފަޔާޒެވެ.
މައިކަޕް ކަޕް ފުޓްބޯޅަ މުބާރާތް މިހާތަނަށް 11 ފަހަރުވަނީ ބާއްވާފައެވެ. ޖަންގަލްޓީމުންވަނީ އެމުބާރާތް މިހާތަނަށް 2 ފަހަރު ކާމިޔާބުކޮށްފައެވެ.