އިމަގު ރޯދަ ހަދިޔާ ޕްރޮގްރާމް މިއަހަރުވެސް

މުޙައްމަދު އަކުރަމް

ދީނީ މަޢުލޫމާތު ހޯދުމަށް ބާރު އެޅުމަށާއި ދީނީ ހޭލުންތެރިކަން އިތުކުރުމަށާއި ދީނަށް ލޯބި ޖެއްސުމަށް އަމާޒުކޮށްގެން 2016 ވަނައަހަރުގެ ރޯދަމަހު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިއަށް ގެންދަންފެށި “ރޯދަ ހަދިޔާ” ޕްރޮގްރާމް މި ރޯދަމަހު ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރޯދަ ހަދިޔާ ޕްރޮގްރާމަކީ ކޮންމެ ދުވަހަކުވެސް އިމަގު ފޭސްބުކް ޕޭޖުގައި ގެނެސްދޭ ދީނީ ސުވާލަކަށް އެސް.އެމް.އެސްގެ ޒަރީއާއިން އެންމެގިނައިން ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު އެއްފަހަރު ނަގާ ގުރުލުމުގައި ނަސީބު ދިމާވާ ފަރާތަކަށް ހަދިޔާއެއް، އަދި މުޅި ޕްރޮގްރާމްގެ ނަސީބުވެރިޔާއަށް ފައިސާގެ އިނާމެއް ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިމަގު ޖަމިއްޔާގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ޢަބްދުއްލަޠީފް މި ނޫހަށް ވިދާޅުވީ، ރޯދަ ހަދިޔާގެ މި އަހަރުގެ ޕްރޮގްރާމް ފުރަތަމަ ސުވާލު ރަމަޞާން މަހުގެ ފުރަތަމަދުވަހު ކުރާނެ ކަމަށާއި، މި އަހަރުވެސް ކޮންމެ ހަފްތާއަކު އެއްފަހަރު އަގުހުރި ހަދިޔާއެއް ލިބިގެން ދާނެ ކަމަށާއި އަދި މުޅި އެ ޕްރޮގްރާމްގެ ނަސީބުވެރިޔާއަށް 3000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.

މުޙައްމަދު އިތުރަށް ވިދާޅުވީ މި ދިޔަ ދެ އަހަރެކޭވެސް އެއްފަދައި، މި އަހަރުވެސް ވީހައިވެސް ގިނަ އިހަވަންދޫ ރައްޔިތުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނުހަނު އެދޭ ކަމަށެވެ.

އިމަގުން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމްގައި ކޮންމެ ދުވަހެއްގެ ސުވާލުވެސް އެދުވަހުގެ 12:00 ގެކުރިން އިމަގު ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރާއިރު، ޖަވާބުދިނުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު 13:00 އިން 22:00 އާއި ހަމައަށް އޮންނާނެއެވެ. މިއީ އިމަގުން މި ޕްރޮގްރާމް ކުރިޔަށްގެންދާ 3 ވަނަ އަހަރެވެ.