ޑެންގީހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޢަބުދުﷲ ޙަމީދު

މިދުވަސްވަރު ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗް.ޕީ.އޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު މާލެއާއި އަތޮޅުތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކުރިއަށް އޮތް ދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއްކަމަށްވެސް އެޗް.ޕީ.އޭގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޑެންގީ އިތުރުވަމުންދާ މިންވަރު މޮނިޓަރކޮށް، ޑެންގީ ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލްކުރުމަށް ލަފައާއި، އިރުޝާދު ފޯރުކޮށްދިނުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ކެމްޕެއިންނަށް ރާވާ ހިންގުމުގެ އިތުރުން، އެކި މުއައްސަސާތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެ އެވެ.