ހއ. އިހަވަންދޫން ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭމީހުންގެ ލިސްޓެއް އާއްމުކޮށްފައި ނުވާނެ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އިހަވަންދޫން ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ގޯތި ލިބިފައިވާ މީހުންގެ ލިސްޓު ކަމަށް ބުނެ އިހަވަންދޫ ކައުންސިލްގެ ލެޓަރ ހެޑުގައި ލިޔެފައިވާ ޖުމުލަ 65 ބޭފުޅެއްގެ ނަން ހިމެނޭ ލިސްޓެއް މިއަދު މީސްމީޑިއާގައި ދައުރުވަމުންދާ ދިއުމާ ގުޅިގެން މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ސީނިޔަރ ފައިނޭންސް އޮފިސަރ ޢަބުދުﷲ ސަމީރު، ވިދާޅުވީ ލިސްޓެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިލައްވާފައިވާ ކަމަށާއި ދައުރުވަމުންދާ ލިސްޓު މިހާތަނަށް އަދި ދެކިނުލައްވާ ކަމަށެވެ.
ހއ. އިހަވަންދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ގޯތި ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓުދީ ނިމިފައި ކަމަށް ޢަބުދުﷲ ސަމީރު ވިދާޅުވިއެވެ. ގޯތި ލިބޭ ފަރާތްތަކަށް ގޯތި ހަވާލު ކުރެވޭނެ ކަމަށް ލަފާކުރެވޭ ދުވަހަކާ ގުޅޭ ގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، ސަމީރު ވިދާޅުވީ ގޯތި ދިނުމުގެ މަސައްކަތުގެ މަރުހަލާތައް ކުރިއަށްގެންދިއުމަށް އޮންނަ ގޮތުން، މާކުސް ލިބިފައިވާ ގޮތް އާއްމު ކުރުމާއި ލިސްޓަށްޝަކުވާ ހުށައެޅުމުގެ ފުރުސަތު ކައުންސިލުން ދޭނެ ކަމަށާއި އަދި އެކަން ކުރާނެ ތާރީހެއް ނިންމާފައި ނުވާތީ އެކަމަށް ނަގާނެ މުއްދަތެއް އަދި ދަންނަވަން ނޭގޭ ކަމަށް ސަމީރު ފާހަގަ ކުރެއްވި އެވެ. ޢަބުދުﷲ ސަމީރު ވިދާޅުވީ ޕޮއިންޓު ދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ހައުސިންގ މިނިސްޓުރީގެ ޓީމެއްގެ ބެއްލެވުމުގެ ދަށުން އެކަމަށްޓަކައި އުފައްދާފައިވާ ކޮމެޓީ އަކުން ކަމަށެވެ.
ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލުން އުފައްދާފައިވާ ކޮމެޓީ އުވާލާ އައު ކޮމެޓީއެއް ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޢަބުދުﷲ ސަމީރު ވިދާޅުވީ، އިހަވަންދޫ ކައުންސިލުން އެންމެ ފުރަތަމަ އިޢުލާނު ކޮށް ގޯތި ދޫކުރުމުގެ މަސައްކަތް ފެއްޓީ އެމަސައްކަތް ކުރުމަށް ކޮމެޓީއެއް އެކުލަވާ ނުލާ ކަމަށާއި ކައުންސިލްގެ ދެވަނަ ދައުރުގައި ގޯތި ދޫކުރުމަށް ކޮށްފައިވާ މަސައްކަތްތައް ބާތިލް ކޮށް އެމަސައްކަތަށް ކޮމެޓީއެއް ނަންގަވާފައި ވާ ކަމަށެވެ. އަދި އެ ކޮމެޓީ އަށްވެސް އެކިއެކި ބަދަލުތައް އެކި ދުވަސްމަތިން ގެނެސްފައިވާކަން ފާހަގަ ކުރައްވާ ސަމީރު އިތުރަށް ވިދާޅުވީ ކައުންސިލްގެ 3 ވަނަ ދައުރުގައި ކުރިން އޮތް ކޮމެޓީ އުވާލުމަށްފަހު އަލުން ކޮމެޓީއެއް އެކުލަވާލާ، މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިދައުރުގެ ކައުންސިލަރުން އެލްޖީއޭ އިން ސަސްޕެންޑު ކުރުމާ ގުޅިގެން ގޯތި ދިނުމުގު މަސައްކަތް ކުރާ ކޮމެޓީގެ ކޯރަމް ހަމަނުވާތީ، މިފަހަރުގެ ކޮމެޓީ އުވާލެއްވީ ހައުސިންގ މިނިސްޓުރީން ކަމަށްވެސް ޢަބުދުﷲ ސަމީރު ވިދާޅުވިއެވެ.
ހއ. އިހަވަންދޫން ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭމީހުންގެ ލިސްޓެއް އާއްމުކޮށްފައި ނުވާނެ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެފައިވާއިރު، އިހަވަންދޫ ކައުންސިލްގެ ލެޓަރހެޑުގައި، އެކައުންސިލްގެ ތައްގަނޑާއި އެކު މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ލިސްޓާމެދު ގިނަ ބަޔަކު ދަނީ ވަރަށްބޮޑަށް ފާޑު ކިޔަމުން ނެވެ.