މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މިހިނގާ ފެބްރުއަރީ 18 ން 20 އަށް، 3 ދުވަހަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި މޮޅަދޫ ކައުންސިލް އިދާރާއާއި މޮޅަދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން  ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މޮޅަދޫ ސްކޫލުގެ ގްރޭޑް 7 އިން މަތީ ގްރޭޑްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެފައިވާއިރު، މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ލިވިންގ ވެލިއުސްއާ ގުޅޭގޮތުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިޕުރޮގުރާމުގެ ތެރެއިން ބެލެނިވެރިންނަށް އަމާޒުކޮށްގެންވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޮޅަދޫ ކައުންސިލާއި މޮޅަދޫ ސްކޫލު އަދި އެރަށު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބިފައި ވާކަން ފާހަގަ ކުރައްއްވައެވެ.