އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ޗެމްޕިއަންކަން ޖަންގަލްޓީމް ހޯދައިފިއެވެ. ޖަންގަލްއިން މިމުބާރާތް ކާމިޔާބުކުރީ އިއްޔަ ހާވީރު ޣާޒީ ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި އެންވީކޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޖަންގަލް ޓީމްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފްގެ 42 ވަނަ މިނެޓްގަވެ. އެގޯލް ޖެހީ ޖަންގަލް ޓީމްގެ ހަމްޒާއެވެ. ދެވަނަ ހާފްގައި އެންވީކޭގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. އެންވީކޭގެ ގޯލް ފަހު ހާފްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ ހާމިދުއެވެ. ޖަންގަލް މޮޅުކޮށްދިން ގޯލް ފަހު ހާފްގެ 33 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މޮޑްރިޗްއެވެ.
މިއީ މިމުބާރާތުގައި މިދެޓީމް ބައްދަލުކުރި 3 ވަނަ މެޗެވެ. ފުރަތަމަ މެޗްގައި ފަސޭހަ ކަމާއިއެކު އެންވީކޭއިން 1-5 ނަތިޖާއަކުން ޖަންގަލްގެ މައްޗަށް ކުރިހޯދިއެވެ. ދެވަނަމެޗް ނިމުނީ 2-2 އިން ހަމަހަމަވެގެންނެވެ. އެމެޗްގައި ޖަންގަލްއިން 2 ގޯލް ޖަހާފައިވަނިކޮށް ފަހުވަގުތު އެންވީކޭއިން 2 ގޯލްޖަހާ ހަމަހަމަކުރީއެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް އަދި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަންގަލް ޓީމްގެ ޖާޒީ ނަންބަރު 10 ހަމްޒާ މުހައްމަދެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޅިމަގު ޓީމްގެ ޖާޒީ ނަންބަރު 8 ސާލިމް މުހައްމަދުއެވެ. މުބާރާތުގެ އެންމެގިނަ ގޯލް ޖަހައިގެން ރަންބޫޓް ހޯދީ ކުޅިމަގު ޓީމްގެ ޖާޒީ ނަންބަރު 9 މުހައްމަދު ނަޝީދުއެވެ. އޭނާ ވަނީ މިމުބާރާތުގައި 8 ގޯލް ޖަހައިފައެވެ.
ފަހަކަށް އައިސް މިޓީމްތައް ވާދަކުރާ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލުންފެންނަ “ޗަރުކޭސް” އިއްޔަގެ މެޗުންވެސް ފެނިގެންދިޔައެވެ. މެޗް ނިމުމާއިއެކު އެންވީކޭ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން މާރާމާރީ ހިންގިއިރު، ޖަންގަލްގެ ސަޕޯޓަރަކު ސައިކަލުގައި ދަނޑުމައްޗަށް އެރި މަންޒަރު ފެނިގެންދިއައެވެ. އެންވީކޭގެ ކުޅުންތެރިޔަކު އެއްލި ފުޅިއަކުން މެޗްގެ ޝަރަފްވެރި މެހެމާން، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުގެ ހަށިކޮޅުގައި ޖެހުނުއިރު، މެޗްތަކުގެ ހަވާސާގައި ހިންގާ މިފަދަ މާރާމާރީތަކާއި ގުޅިގެން ޖިނާއީ ތަހުޤީގެއް ހިންގިތަނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.