ވަށަފަރު ބަލިކޮށް އިހަވަންދޫގެ ފެށުން ރަނގަޅުކޮށްފި

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތުގައި އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗްގައި ވަށަފަރުގެ މައްޗަށް 9-2 ކުން ކުރި ހޯދައި އިހަވަންދޫ ޓީމްގެ ފެށުން ރަނގަޅުކޮށްފިއެވެ.

ފުރަތަމަ މެޗްގައި 5-0 ގެ ނަތީޖާއަކުން ކެލާ ބަލިކޮށް އިތުބާރާއެކު މެޗަށް ނުކުތް ވަށަފަރުޓީމަށް މާކަ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މުޅި މެޗްގައިވެސް އިހަވަންދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗްގައި އިހަވަންދޫ ޓީމްގެ ޖާޒީ ނަނަބަރު 7 އަލީ ފަވާޒްވަނީ 3 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ. ސާޖިދް އަދި ޝިފާޒް، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއިރު މަދީހް އަދި މުހައްމަދު އާދަމްވެސް ގޯލް ޖެހިއެވެ. ވަށަފަރު ޓީމްގެ 2 ގޯލް ޖަހައިދިނީ ކީޕަރު ހާޝިމް އަދި އީވާންއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިހަވަންދޫ ޓީމަށް މިމެޗްގައި 3 ގޯލް ޖަހައި ހެޓްރިކް ހަދައިދިން އަލީ ފަވާޒްއެވެ.

މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ތުރާކުނު ޓީމާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މާދަމާ ހަވީރު 17:10 ގައެވެ. ތުރާކުނު މިމުބާރާތުގައި މިހާތަނަށް ދެ މެޗް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗްގައި 3-2 ކުން މުރައިދޫ އަތުން އެޓީމް ބަލިވިނަމަވެސް މިރޭ އެޓީމްވަނީ 10-1 އިން ކެލާ ބަލިކޮށްފައެވެ.