ސްކޫލަށް ދާން ޖެހޭ އުމުރުފުރާގެ ދަރިވަރުން، ސްކޫލަށް ދިއުން ހުއްޓާލުމަކީ، އެކާވީސް ވަނަ ޤަރުނުގެ މާކުރިންވެސް، ހިނގަމުން އަންނަކަމެކެވެ. ނަމަވެސް، ޒަމާނަށްއައި ބަދަލުތަކާއި، އިންސާނުންގެ ވިސްނުމާއި، ފިކުރު ތަރައްޤީވެ، ތަމައްދުނާއި ތަހުޒީބުގައި، ތަޢުލީމުގެ ދައުރު ފުޅާވާން ފެށުމާއެކުގައާއި، އިންސާނީ ހައްޤުތަކާއި، އިންސާނުންގެ އަސާސީ ބޭނުންތަކުގެ ވާހަކަތަކަށް ފުޅާ ދާއިރާއެއްގައި ނަޒަރު ހިންގި، އެވާހަކަތައް ދެކެވެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ވިހިވަނަ ޤަރުނާއި، އެކާވީސް ވަނަ ޤަރުނުގެ ތެރޭގައި މި މައްސަލައާ މެދުގައި ކަންބޮޑުވުން އިތުރުވެ، ވާހަކަ ދެއްކޭ މިންވަރު އިތުރުވެފާވަނީއެވެ.
ދަރިވަރުން، ސްކޫލަށް ނުދިއުމަށް މެދުވެރިވާ ތަފާތު ސަބަބުތަކާ މެދުގައި، ތަފާތު ޢިލްމީ ދިރާސާތައް ކުރެވި، އެކަންކަމާމެދުގައި އެކި މަންސަތަކުގައި، ބަހުސްކުރެވި ވާހަކަ ދެއްކިފައިވެއެވެ. އެފަދަ ދަރިވަރުން، ސްކޫލަށް ނުދާ ސަބަބުތައް އެކިއެކި މަންސަތަކުން ލިބުނު މަޢުލޫމާތާއި ކަމާ ގުޅުން ހުރި ފަރާތްތަކާ، ދެކެވުނު ވާހަކަތަކުން ފާހަގަކޮށްލެވިފައިވެއެވެ.
2012 ވަނަ އަހަރު ދަރުމަ މަޖައްލާގައި ޝާއިއުކޮށްފައިވާ ލިޔުމެއް ކަމުގައިވާ، “އެންމެ ރަނގަޅު އިންވެސްޓްމަންޓަކީ ދަރިންހެޔޮގޮތުގައި ތަރުބިއްޔަތުކުރުން” މި މަޢުޟޫއަށް ސ.މީދޫ ހައްވާ މުޙައްމަދު ލިޔުއްވާފައިވާ ލިޔުމަކަށް ބަލައިލާއިރު، މުޖުތަމައުގެ އެތައް ދަރިންނެއް ރަނގަޅު މަގުން އެއްކިބާވެފައިވުމުގެ ސަބަބުން މުޖުތަމައު މި ވަނީ ފަސާދަ ވެފައިކަން ލިޔުންތެރިޔާގެ ވާހަކައިން ހާމަވެއެވެ.ލިޔުމުގެ ފުރަތަމަ ފެރެގްރާފުގައި މިއަދުގެ މުޖުތަމައިގައި ދަރިންތަރުބިއްޔަތުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ މިއަދުގެ މުޖުތަމައުގައި ޒުވާނުންނާއި ކުޑަކުދިން ހިތަށް އެރިގޮތަކަށް އުޅެމުންދަނީ އެ ގޮންޖެހުން ތަކާއި ހެދިތޯ އަދި މައިންބަފައިންނަށް ދަރިންތަރުބިއްޔަތުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތޯ ސުވާލު އުފައްދާފައިވެއެވެ. ޖެހިގެން އައި ޕެރެގްރާފުގައި މައިންބަފައިން ދަރިންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުމަށް ބާރުއަޅުއްވާފައިވާއިރު ތިންވަނަ ޕްރެގްރާފްގައި އިސްލާމީ ތަރުބިއްޔަތު ދިނުމަށް ފަށަންޖެހޭ އުމުރުގެ މުހިއްމުކަމަށް ބަލާލާފައިވެއެވެ. އެގޮތުން ޅަފަތުގައި ދަރިންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ. ހަމަ އެހެންމެ ބޮޑުހަރަދެއް ކޮށްގެން މަދަރުސާއަށް ފޮނުވުމުން ނިމުނީ ނޫކަން ފާހަގަކޮށްފައިވެއެވެ. ދަރިންނަކީ، މައިންބަފައިންނާ ހަވާލުވެވިފައިވާ އަމާނާތެކެވެ. އެ އަމާނާތައް މައިންބަފައިން ޒިންމާވެ، އިހުމާލުވުމުން އެއްކިބާވުމަކީ، މުހިއްމުކަމެކެވެ. އެގޮތުން، ދަރިން ސްކޫލް ދައުރަށް ފައްކާކުރުމަށް މައިންބަފައިންގެ ދައުރާމެދު ބަލައިލަމާ ހިނގާށެވެ. އަދި މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެނަމަ، ދަރިން ސްކޫލް މާހައުލު ދޫކޮށްލާ ދޫކޮށްލަށް ބޮޑު ހައްލެއް ލިބިގެންދާނޭކަމާމެދު ޝައްކެއް ނެތެވެ.
ކުދިން ގާތުގައި ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް މައިންބަފައިން އެދެންޖެހޭ ފަހަރުތައް ވަރަށް ގިނައެވެ. އެހެނަސް، ކުދިންގެ ނަޒަރުގައި އެކުދިން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އެންމެ ރަނގަޅަށެވެ. އެހެންކަމުން ކުދިން ކުރާ ކަންކަމަށް ހުރަސްއަޅާ އެޅުން ބަލައިގަންނަން އެކުދިންނަށް އުނދަގޫވެއެވެ. އެހެންނަމަވެސް އޯގާތެރިކަމާއެކު އެކުދިންނަށް ވިސްނޭގޮތަށް ވަކިކަމެއް ވަކި ގޮތަކަށް ކުރަންޖެހޭ ނުވަތަ ނުކުރަން ޖެހޭ ސަބަބު ބުނެދިނުމުން އެކަމެއް ބަލައިގަނެ އެގޮތަކަށް ޢަމަލުކުރަން ފަސޭހަވެގެންދާނެއެވެ.
ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު ކޮންމެ ކުއްޖަކީ ވެސް މައިންބަފައިންގެ ދެލޮލުގެ ނޫރުކަމުގައި ދެކިގެން އެކުއްޖާއަށް ލޯބިދީ ތަރުބިއްޔަތު ކުރަމުންދެއެވެ. އެހެނަސް އެކުދިން ދެކެ ވާ ލޯބި ގިނަ ފަހަރަށް އޮންނަނީ ހާމަނުކުރެވިއެވެ. މިލޯބި އަޅުގަނޑުމެންގެ ހިތުތެރޭގައި ފޮރުވާފައި ބޭއްވުމަކުން އަދި ނުފުދެއެވެ. އެކަން ބަހާއި ޢަމަލުން ކުދިންނަށް ހާމަކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
ކުދިންނަށް އެކުދިން ދެކެ މައިންބަފައިން ވާ ލޯބި އަންގައިދިނުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކަށް ވާނީ ކުދިން ގާތުގައި އެކުދިން ދެކެ ލޯބިވާ ވާހަކަ ގިނަގިނައިން ބުނުމެވެ. މިކަމުގައި ކުޑަކުއްޖާއާއި ބޮޑުވެފުރިހަމަވެފައިވާ ކުއްޖާ ފަރަޤުވެގެން ނުވާނެއެވެ. “ދަރިފުޅު ދެކެ މަންމަ އާއި ބައްޕަ ވަރަށް ލޯބިވޭ”، “ދަރިފުޅު މަތިން ވަރަށް ހަދާންވި”، “ދަރިފުޅާ މެދު މަންމަ އާއި ބައްޕަ ވަރަށް ފަޚުރުވެރިވޭ” ފަދަ ބަސްތަކުން ކުދިންގެ ދުވަސް އުޖާލާކޮށްދޭންޖެހޭ. އޭރުން އެކުދިންނަށް ލިބޭ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ މައިންބަފައިންނާ އޮންނަ ގުޅުން ބޮޑުވުމުގެ ބާރަކަށްވާނެކަމަށް ޑރ.އާސިޔާ އޭނާގެ ބްލޮގުގައި “ބެލެނިވެރިންގެ ފަރާތުން ދަރިން ބޭނުންވަނީ، ކޮންކަމެއް؟” މި މަޢުޟޫއަށް ލިޔެފައިވާ ލިޔުމުގައި ބަޔާންކޯށްފައިވެއެވެ.
ދަރިފުޅު ގޯސްވުމުން ރަނގަޅު ކުއްޖަކަށް ހަދަން މަސައްކަތް ކުރުމަށްވުރެ، ގޯސްވުމުގެ ކުރިން ރަނގަޅު ކުއްޖަކަށް ހަދަން މާ ފަސޭހަވާނެއެވެ. ނަމަވެސް، ދަރިފުޅު ކުރާ ނޭދެވޭ ޢަމަލު އަޅުގަނޑުމެންނަށް ޤަބޫލުކުރުމަށް ދަތިވާ ފަހަރުތައް އަންނަނީ މަދެއްކޮށެއްނޫނެވެ. އެއީ ދަރިފުޅުދެކެ ލޯބިވުމެއް ނޫނެވެ. ދަރިފުޅުދެކެ ލޯބިވުމަކީ، ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ޢަމަލުތަކާ ބެހޭ ގޮތުން ވާހަކަދައްކާއިރު، އެ ވާހަކަތަކުގެ ތެރެއިން އެކުދިން ދެކެ ވާ ލޯބި ހާމަކޮށްދީ ކަންކަމުގެ ރަނގަޅުގޮތް ސާފުކޮށް ބުނެދިނުމެވެ. އޭރުން މައިންބަފައިންގެ ވާހަކަތައް އަޑުއަހައި، އެފަދަ ޢަމަލުތައް ހުއްޓުމުގެ ބާރަކަށް ވެގެންދާނެއެވެ. އަދި ކުދިން ބޭނުންވާ ކަންކަން ހުއްޓުވުމުން އެކުދިންގެ ހިތުގައި އުފެދޭ ނުތަނަވަސްކަން ކުޑަވެ މައިންބަފައިންނާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ.
ދަރިންދެކެވާ ލޯބި ހާމަކޮށްދިނުމަށް މައިންބަފައިންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ، ދަރިންގެ އުމުރާ ނުގުޅޭތަކެތި އެކުދިންނަށް ހޯދާދެވޭ ހޯދާދިނުމެވެ. އެގޮތުން، ދަރިޔަކަށް އެއްޗެއް ހޯދާދެވޭއިރު، އެ އެއްޗަކުން ދަރިފުޅު ކުރާނެ ބޭނުމަކާދޭތެރޭގައި ވިސްނައިލުންވެސް ވަރަށް މުހިއްމެވެ. މިސާލަކަށް، ގުރޭޑް 6 ގައި ކިޔަވައިކުއްޖަކަށް މޮބައިލް ފޯނެއް ދޭއިރު އެ ފޯނުން އޭނާ ކުރާނެ ބޭނުންތަކާއި އަންނާނެ ޑިމާންޑްތަކަށް ބެލެނިވެރިން ވިސްނައިލުން މުހިއްމެވެ. ދަރިފުޅަށް މޮބައިލް ފޯނެއް ދޭއިރު، ތިމަންނާ، އެ ފޯނަށް ސިމެއް ނުލައްވާނަމޭ، ހިތަށްއެރިނަމަވެސް، އެ ފޯނު ލިބުމަށްފަހު ދެން ދަރިފުޅުގެ ފަރާތުން އަންނަ ޑިމާންޑަކަށް ވާނީ، ފޯނަށް ސިމެއް ލެއްވުމެވެ. އަދި ސިމް ލެއްވުމަށްފަހު އިންޓަނެޓް ބޭނުންވާ ވާހަކައާއި، ސްކޫލްގެ އެކިއެކި ޕްރޮޖެކްޓްތަކަށް މަޢުލޫމާތު ހޯދުމަށް އިންޓަނެޓް ބޭނުންކުރަން ޖެހޭކަމަށް ވާހަކަދައްކާ އިންޓަނެޓް ހޯދުންފަދަ ޢަމަލުތަކަކީ، މިހާރުގެ މުޖުތަމަޢުގައި އާ ވާހަކަތަކަކަށް ނުވާނެކަން ޔަޤީނެވެ.
ދަރިންގެ ކޮންމެ އަމަލަކަށް މައިންބަފައިން ފާރަވެރިވާން ޖެހެއެވެ. އެއީ ކިތައްމެ އިތުބާރުކުރެވޭ ކިތައްމެ ލޯބިވާ ކުއްޖަކަށް ވީނަމަވެސް މެއެވެ. ދަރިން ހޯދާ ރަހުމަތްތެރިންނާ، އެކުދިންނާ އެކު އުޅޭ އެކުވެރިންގެ އަމަލުތަކާއި، އެކުދިން ވަދެ ނިކުމެވާ ތަންތަނާއި، ބޭނުންކުރާ ތަކެއްޗާ، އުޅޭގޮތާ، އަޅާ ހެދުމަށް ދާންދެން ބެލެނިވެރިން ފަރުވާތެރިވެ ބަލަންޖެހެއެވެ.
އަދި ހަމައެހެންމެ އެކުދިންނަށް ހޯދާދީފައިވާ މޯބައިލް ފޯނާއި، ލެޕްޓޮޕާއި، ޓެބްލެޓް ފަދަ ވަސީލަތްތައް އެކުދިން ބޭނުންކުރަނީ، ކޮންކޮން ކަންތައްތަކަކަށްތޯ ބަލައި، ފާރަވެރިވާންޖެހެއެވެ. އެހެނީ، ދަރިފުޅުގެ އިލްމީ ހަޔާތުގެ އެންމެ މުހިއްމު ރޯލެއް ކުޅެދޭ އެދުރުންނާއި މައިންބަފައިންނަށްފަހު އެކުދިންނަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާނެ ބަޔަކީ ރަހުމަތްތެރިންކަމުގައިވީ ހިނދު، އެކުދިން ސްކޫލްގެ މާހައުލު ދޫކޮށްލާ އެއްސަބަބަކީ، އެކުދިންގެ ރަހުމަތްތެރިންކަމުގައި ވެގެންދެއެވެ.
ނުނިމޭ