ރާއްޖޭގެ މަސްހޫރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އިހަވަންދޫ އިމަގު ސްޕޯޓްސް އެކަޑަމީއާއި ، ޖޭ ސްޕޯޓްސް އެކަޑަމީ ގުޅިގެން އިހަވަންދޫގައި ފެށުމަށް ހަމަޖެހިފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް އެކަޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިމަގު ފޭސްބުކު ފޭޖްގައި އިއްޔެގެ ވަގުތެއްގައި ކޮށްފައިވާ ޕޯސްޓްގައިވާ ގޮތުން ނިއުރޭޑިއަންޓް އެކަޑަމީގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އިއްޔެއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ. މިގޮތުން ކުދިން ރަޖިސްޓްރީ ވުމަށް ހުޅުވާލައިފައިވާ އުމުރުފުރާތަކަކީ:
7 އަހަރުން ދަށް
9 އަހަރުން ދަށް
12 އަހަރުން ދަށް
14 އަހަރުން ދަށް
އަދި 16 އަހަރުން ދަށް ހިމެނެއެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކްލަބްގެ އެކަޑަމީތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކުލަބުން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ގޮތުގައި މާޗް މަހު 20 ރަށެއްގައި އެކަޑަމީ ފެށުމަށް ތައްޔާރުވަމުއެބަ ދެއެވެ. އެކަޑަމީ އަށް ކުދިން ވެއްދުމަށް ބައެއް ރަށްރަށުން މިހާރު ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 11 ރަށަކުން މިހާރު ވެސް އެކަޑަމީ އަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލައިފައިވާކަން އޭނާ ފާހަގަކުރި އެވެ.
“ގާތްގަނޑަކަށް 24 އަށް ރަށުގައި އެކަޑަމީ ފެށިދާނެ. އެކަމަކު އަޅުގަނޑުމެންގެ ކްރައިޓީރިއާއެއް އެބައޮތް. ކޮންމެ ރަށަކުން މަދުވެގެން 50 ކުދިން ލިބޭ ކަމަށްވަންޏާ އަޅުގަނޑުމެން އެކަޑަމީ ހިންގާނީ. މާޗް މަހު 20 ރަށެއްގައި އެކަޑަމީ ފެށޭވަރުވާނެ،” އޮފިޝަލް ވިދާޅުވި އެވެ.
އެކަޑަމީ އަށް 100 އާއި 150 ކުދިން ހަމަވާ ރަށްރަށަށް ބިދޭސީ ކޯޗަކު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކްލަބުން ބުންޏެވެ. އަދި އެ ރަށްރަށުން ވެސް އެކަޑަމީގައި މަސައްކަތް ކުރަން އިތުރު ކޯޗުން ހަމަޖައްސާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ކަމުގައި އިމަގު އަދި ޖޭ ސްޕޯޓްސް އެކަޑަމީގެ ފަރާތުން އިސްކޮށް އުޅުއްވާ ފަރާތްތަކުން މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ވޭތިވެ ދިޔަ 24 ގަޑިއިތުގެ ތެރޭގައިވެސް ގިނައަދަދެއްގެ ކުދިންވަނީ ނިއުރޭޑިއަންޓް އެކަޑަމީގައި ބައިވެރިވުމަށް އެދި ހުށަހަޅާފައެވެ.
ނިއުރޭޑިއަންޓް ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމަށް އެދޭ ފޯމް: https://bit.ly/NEWRadiantREGISTRATIONFORM
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައިވާ ރަށްތައް:
ހއ. އިހަވަންދޫ، ށ. ފުނަދޫ، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ޅ. ނައިފަރު، ޅ. ކުރެންދޫ، ކ. ދިއްފުށި، ކ. ތުލުސްދޫ، މ. މުލި، މ. މުލަކު، ފ. ފީއަލީ، ފ. މަގޫދޫ، ދ. މީދޫ، ތ. ދިޔަމިގިލި، ތ. ގުރައިދޫ، ލ. އިސްދޫ، ގދ. ވާދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި، ގދ. ގައްދޫ، ގަދ. ތިނަދޫ އަދި ސ. މަރަދޫ.