ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި އިހަވަންދޫ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ރޭކުޅުނު އެމެޗުން އިހަވަންދޫ ބަލިވީ ވަށަފަރާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ.
މިމުބާރާތުގެ ހއ އަތޮޅުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދީ އިހަވަންދޫޓީމެވެ. ވުމާއިއެކު މިއަހަރު އެޓީމް ނުކުމެފައިވަނީ ތަށި މިލްކު ކުރުމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތަށް މިފަހަރު ޓީމްގެ ތައްޔާރީތައް ގޮސްފައިވަނީ ވަރަށް ދޯހަޅިކޮށެވެ. އަދި މުބާރާތުގައި ކުޅެނީވެސް މުބާރާތުގައި ބައިވެރިވެފައިވާތީ މުބާރާތުގައި ނުކުޅެފިނަމަ އަތުވެދާނެ ޖޫރިމަނާއަކުން ސަލާމަތްވުމަށެވެ. މިފަދަ މުބާރާތެއްގައި އިހަވަންދޫ ޓީމް ބައިވެރިވެފައިވާއިރު އިހަވަންދޫގެ ޒުވާނުންކުޅޭނެ ފުޓްސަލްދަޑެއް މިވަގުތު ނެތްކަން ފާހަގަކުރެވެއެވެ. މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ އުތީމާ ދެކޮޅަށެވެ. އެމެޗްކުޅޭނީ މާދަމާ ރޭ 22:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީދީފައެވެ. މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.