Banner Image Description

ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ

މުޙައްމަދު އަކުރަމް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި އިހަވަންދޫ ޓީމް ކުޅުނު 3 ވަނަ މެޗްގައި ހޯރަފުއްޓާއި 2-2 އިން އެއްވަރުވެ، ޕޮއިންޓަކާއި އެކު އިހަވަންދޫ ޓީމް މުބާރާތުން ކަޓާފިއެވެ.

ރޭގެ މެޗުން މޮޅުވެގެން އިހަވަންދޫ ޓީމަށް ކުއާޓަރ ފައިނަލަށް ދަތުރުކުރެވެން އޮތެވެ. ރޭގެ މެޗްގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކުރީ ހޯރަފުށީ ޓީމުންނެވެ. އެޓީމްގެ ދެ ގޯލްވެސް ޖެހީ ޔާމީންއެވެ. އިހަވަންދޫ ޓީމުން އެއްވަރު ކޮށްފައިވަނީ މެޗްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. އިހަވަންދޫ ޓީމްގެ ދެ ގޯލްވެސް ޖެހީ ކެޕްޓަން ހާމިދުއެވެ. މިއީ މިމުބާރާތުގައި އިހަވަންދޫ ޓީމަށް ޖެހުނު ހަމައެކަނި ގޯލްތަކެވެ. މިނަތީޖާއާއި އެކު ހޯރަފުށިވެސްވަނީ މުބާރާތުން ކަޓާފައެވެ.

އިހަވަންދޫ ޓީމް ވަނީ މިމުބާރާތުގައި ފުރަތަމަ ކުޅުނު ދެމެޗުން، އުތީމް އަދި ވަށަފަރު އަތުންވެސް ބަލިވެފައެވެ. ނަމަވެސް މެޗަކަށްފަހު މެޗެއްގައި އިހަވަންދޫ ޓީމްގެ ކުޅުން އައީ ރަނގަޅުކުރަމުންނެވެ. މިމުބާރާތުގެ ހއ އަތޮޅުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދީ އިހަވަންދޫޓީމެވެ. ވުމާއިއެކު މިއަހަރު އެޓީމް ނުކުމެފައިވަނީ ތަށި މިލްކު ކުރުމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތަށް މިފަހަރު ޓީމްގެ ތައްޔާރީތައް ގޮސްފައިވަނީ ވަރަށް ދޯހަޅިކޮށެވެ. އަދި މުބާރާތުގައި ކުޅެނީވެސް މުބާރާތުގައި ބައިވެރިވެފައިވާތީ މުބާރާތުގައި ނުކުޅެފިނަމަ އަތުވެދާނެ ޖޫރިމަނާއަކުން ސަލާމަތްވުމަށެވެ. މިފަދަ މުބާރާތެއްގައި އިހަވަންދޫ ޓީމް ބައިވެރިވެފައިވާއިރު އިހަވަންދޫގެ ޒުވާނުންކުޅޭނެ ފުޓްސަލްދަޑެއް މިވަގުތު ނެތްކަން ފާހަގަކުރެވެއެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ހއ. ގެ ތިން ގްރޫޕްގެ ކުޅުން ވަނީ ނިމިފަ އެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ތިން ގްރޫޕްގެ ތިން ވަނަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ވެސް ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން ކުއާޓާގެ ޖާގަތައް ހޯދީ ކެލާ، މާރަންދޫ، ބާރަށް، ވަށަފަރު، އުތީމު، ދިއްދޫ، ފިއްލަދޫ އަދި މުރައިދޫ އެވެ.

ކުއާޓާގައި ކެލާ ކުޅޭނީ މުރައިދޫއާ އެވެ. ބާރަށުން ފިއްލަދޫއާ ކުޅެން ޖެހުނުއިރު، ވަށަފަރުން ނުކުންނާނީ މާރަންދޫއާ ދެކޮޅަށެވެ. އަދި ދިއްދޫ ބައްދަލުކުރަން ޖެހޭނީ އުތީމުއާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީދީފައެވެ. މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.