މޮޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. މޮޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފްލެކްސިންކް ކުންފުންޏާ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީ 35،864،006 ރުފިޔާއަށެވެ.

މޮޅަދޫގެ އިތުރުން  ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކޮށްފައި ވެއެވެ.

ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ އަގަކަށް، 780 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން 18 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ހަވާލުކުރި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފްލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު ނަޖާހު ޝަރީފެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި ސާވޭކުރުމާއި އެންވަޔަރަމެންޓް އިމްޕެކްޓް އެސަސްޓަންޓް (އީއައިއޭ) ހެދުމުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާކުރުމާއި އާރޮ.އޯ ޕުލާންޓާއު ސްޓޯރޭޖު ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕު ސްޓޭޝަންތައް ގާއިމުކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ އިތުރުން އިދާރީ އޮފީސް ވެސް ފްލެކްސިންކް އިން ހަދަން ޖެހޭނެ އެވެ.