Banner Image Description

އެޗްވީ ކޭބަލަށް ގެއްލުންދީފި

މުޙައްމަދު އަކުރަމް

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އަޅާފައިވާ ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުން ދީފިއެވެ. ކޭބަލަށް ގެއްލުންދީފައިވާކަން އެނގުނީ ޓްރާންސް ފޯމަރުތައް ބެހެއްޓުމުގެ މަސައްކަތަށް ކޭބަލްތައް ޓެސްޓް ކުރުމުގެ ތެރޭގައެވެ.

ގެއްލުން ދީފައިވަނީ އިހަވަންދޫ ޢާޒީދަނޑުގެ ކައިރިން އަޅާފައިވާ ކޭބަލަކަށެވެ. އެގޮތުން އެކޭބަލުގެ ވަކިހިސާބަކަށްވަނީ ދެ ދަގަނޑު ހަރާފައެވެ. ކޭބަލް ޓެސްޓް ކުރިއިރު ކޭބަލް ގްރައުންޑްވާތީ، ދިމާވާ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.

އިހަވަންދޫގެ ކޭބަލް ނެޓްވޯރކް ބަދަލުކޮށް އަޕްގްރޭޑް ކުރުމަށް ފެނަކައިން ހިންގާ މަޝްރޫއުގެ ދަށުން ހައި އަދި ލޯ ވޯލްޓޭޗް ކޭބަލް އެޅުމުގެ އިތުރުން، ރަށުގެ އެކިސަރަހައްދު ތަކުގައި ޓްރާންސް ފޯމަރުތައް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިހާރުވަނީ ޓްރާންސް ފޯމަރު ބެހެއްޓުމަށް އިމާރާތްކުރަންޖެހޭ 3 ހަޓުގެ މަސައްކަތް ނިންމާ ކޭބަލް ވަޅުލާފައެވެ.