މާއިން އަށް އެހީވުމަށް ފަންޑުރައިޒިންގ ޕުރޮގުރާމެއް ފަށައިފި

ޢަބުދުﷲ ޙަމީދު

އުމުރުން 11 އަހަރުގެ ހއ. އިހަވަންދޫ މީނާޒު، މުހައްމަދު މާއިން މޫސާ ގެ ފަރުވާއަށް ފަންޑު ހޯދުމަށްޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ޕުރޮގުރާމް ތަކެއް ފަށައިފިއެވެ.

މުހައްމަދު މާއިންގެ 2 ކިޑުނީ ފެއިލްވެފައިވުމުގެ ސަބަބުން މިވަގުތު ފަރުވާ ހޯދަމުން ދަނީ އިންޑިއާގައެވެ. މިބައްޔަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ކިޑްނީ ޓްރާންސްޕުލާންޓް ކުރުން ނޫން ގޮތެއް ނެތްކަމުގައި ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

މާއިންގެ ފަރުވާއަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވާތީ، މާއިން އަށް އެހީތެރިވުމުގެ ގޮތުން އިމަގު ޖަމިއްޔާއިން ފަންޑުރައިސިންގ ޕުރުގުރާމްތައް ފެށުމުގެ ގޮތުން ބޭއްވި އިފްތިތާހީ އިވެންޓު ބާއްވާފައި ވަނީ މިރޭ 8:30 ގައި އިމަގު ވެހީގައެވެ.

މާއިންގެ އާއިލާއާއި މާއިންއަށް ހެޔޮ އެދޭ ފަރާތްތަކާއި ދަރުމަވެރިން ބައިވެރިވި މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ ހއ. އިހަވަންދޫ، ކުދިމާގެ، އަލްފާޟިލް ޢަދުނާން ޢަބުދުﷲ އެވެ. މިރޭގެ އިވެންޓުގައި، އިމަގުން މި ހިންގާ ހަރަކާތްތައް ފެށުމުގެ ގޮތުން ފަނޑު ފޮށި ހުޅުވުން އޮތެވެ. ފަންޑު ފޮށި ހުޅުވައި ދެއްވީ ޢަދުނާނު ޢަބުދުﷲ އެވެ.

މިރޭގެ އިވެންޓުގައި ބައެއް ބައިވެރިން ޝުއޫރުފާޅުކޮށް ވާހަކަ ދައްކަވާފައި ވެއެވެ. އެގޮތުން އެމް.އެން.ޑީ.އެފް ވޮރަންޓު އޮފިސަރ ގުރޭޑް 2 އަލްފާޟިލް މުޙައްމަދު ޔާމިން، އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް އަލްފާޟިލް އަޙްމަދު ރަޝީދު، ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބުދުﷲ ހުސެއިން، ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު އަދި މާއިންގެ މަންމަ އަލްފާޟިލާ އައިޝަތު އަޒުހާރާ ވާހަކަފުޅު ދެއްކެވި އެވެ.

މިރޭގެ އިވެންޓުގައި މާއިންގެ މަންމަ އަޒުހާރާ ދެއްކެވި ވާހަކާގައި މިފަދަ މަސައްކަތެއް ކުރާކަމަށްޓަކައި މާއިންގެ އާއިލާގެ ފަރާތުން ޝުކުރު އަދާކުރުމާއި އެކު، މާލޭގަ ދިރިއުޅުއްވާ އިހަވަންދޫގެ ކުދިންގެ ފަރާތުން، ވަޒީފާގަ އުޅުއްވަމުން، ވަގުތު ހޯއްދަވައިގެން އެކުރައްވާ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ. އަދި އެންމެ ބޭފުޅުންގެ ފަރާތުން މާއިންގެ މަންމަ އެދިލެއްވީ މާއިން އަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވުމަށެވެ.

މިރޭގެ އިވެންޓަށްފަހު ރަށުގެ ބައެއް ފިހާރަތަކާއި ހޮޓާ ތަކުގައި ވަނީ އިމަގު ޖަމިއްޔާގެ ފަރާތުން ފަންޑު ފޮށިތައް ބަހައްޓާފައެވެ. އަދި މިޕުރޮގުރާމުގެ ދަށުން ކުރިއަށްދާ ހަރަކާތުގައި މާލޭގައި ހަރަކާތްތެރިވާ ޓީމުތައް މާދަމާ ފަންޑުހޯދުމަށް ނުކުތުމަށް ހަމަޖެހިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.