މަގާމާއި ސަނަދާއި އެކަށީގެންވާ އުޖޫރައެއް ލިބޭނޭ މަގުން ޕޭ ސްޓްރަކްޗަރ އިސްލާހު ކުރެވިގެން މެނުވީ ޕޭ ހާރމަނައިޒް ކުރުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެންވިދާޅުވެފައި ވަނީ މިއަދު އޭނާގެ ފޭސްބުކް ޓައިމްލައިންގައި ލިޔުއްވި ޕޯސްޓެއްގައެވެ.
މިމަހުގެ އެކަކުން ފެށިގެން ސިއްހީދާއިރާ އާއި ސިވިލްސާވިސްގެ ބައެއް އެހެނިހެން ދާއިރާތަކަށް މުސާރަ ބޮޑުކުރުމާއި ގުޅިގެން އާތިފް ކުރެއްވި ޕޯސްޓްގައި އިތުރަށް ވީދާޅުވެފައިވަނީ ހާއްސަ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަންނީ މުއައްޒިފުންގެ މުސާރަ ބޮޑުކުރުމަކީވެސް ކުރަންޖެހިފައި އޮތް ކަމެއް ކަމަށާއި އަދި ހަމަ އެޔާއި އެކު އެދާއިރާތަކުއި މަސައްކަތް ކުރާ މުއައްޒަފުންނާއި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގައި މަސައްކަތްކުރާ އިދާރީ މުއައްޒިފުން ހަމަހަމަވާނޭ ގޮތަކަށް ޕޭސްޓްރަކްޗަރ އިސްލާހު ކުރަންޖެހޭކަމަށެވެ. އަދި މުޖުތަމައުގައި އަމިއްލަ މަސައްކަތް ކުރާފަރާތްތަކުގެ އާމްދަނީ އިތުރުވާނޭ ސިޔާސަތުތައް އެކަށައަޅާ ތަންފީޒު ކުރުމަކީ މިދަނޑިވަޅުގައި އިންފްލޭޝަންގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ކުރާ އަސަރު ކުޑަކުރުމަށް ނުހަނު މުހިންމު ކަމެއްކަމުގައި ދެކޭކަމަށްވެސް މެޔަރ އާތިފް ވަނީ ވިދާޅުވެފައެވެ.