Banner Image Description

ފަނުން ތަކެތި ހަދަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް

މުޙައްމަދު އަކުރަމް

ރުކުގެ ފަނުން އުފެއްދުންތެރި ތަފާތު ތަކެތި ހެދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮބައޮތްކަމަށް އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ރަޝީދާ ހަސަން ވިދާޅުވެއްޖެއެވެ.

އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިޔަށް ގެންދާ މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 އިން 11 އިގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ކްލާސްތައް ނަންގަވައިދެއްވާނީ މިފަންނުގައި މަޝްހޫރު ހއ ވަށަފަރު، އަބްދުﷲ ސުޖާއުއެވެ.

އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބް ރައީސާ ނަޝީދާ އަބުދުﷲ ވިދާޅުވީ މިއީ ގޭގައި ތިބެގެން މަސައްކަތެއް ކޮށްލައިގެން އާމްދަނީއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައެވެ. “މިސަރަހައްދަށް ޓޫރިޒަމް ތައާރަފްވެގެން ދާއިރު ހުޅުވިގެންދާ ފުރުސަތުތަކު ބޭނުން ހިފުމަށްވެސްލިބޭ ފުރުސަތެއް” ނަޝީދާ ތަފްސީލް ކޮށްދިނެވެ.

މިޕްރޮގްރާމްގައި ކިޔަވައިދެއްވާ އަބްދުﷲ ސުޖާއުވެސް ގެންދަވަނީ ރަށާއި އަދި ކައިރި ރަށްރަށުން އޯޑަރު ލިބުމުން ހަފުލާތަކަށް މާބޮނޑިއާއި މާވަށިގަނޑާއި ފަދަ ތަކެތި ހަދައިދެމުންނެވެ.

އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ރަޝީދާ ހަސަން ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކަކީ ސިލްސިލާކޮށް ކުރިޔަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށާ މިފަދަ ކަންކަމުގައި އާމުންގެ ބައިވެރިވުން ވީހާވެސްބޮޑަށް ބޭނުންވާ ކަމުގައެވެ.