Banner Image Description

ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ

މުޙައްމަދު އަކުރަމް

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން “ހިތްތަކުގެ މާމެލާ މެލީ” ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަން އިއުލާންކޮށްފިއެވެ. މި އާއިލީ ހަވީރު ކުރިޔަށްދާނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އިން ފެށިގެން 18:00 އަށް އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ.

މިހަރަކާތަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯ ތަކުގެ އިތުރުން އިހަވަންދޫގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ވިޔަފާރިތަކުގެ އެހީގައި ކުރިޔަށްގެންދާ ހަރަކާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލީ ހަވީރުގައި 12 ސްޓޯލެއްގައި ކުޅިވަރު ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ކޮންމެ ސްޓޯލެއް ސްޕޮންސާކޮށްފައިވާ ފަރާތުން ދޫކުރާ ހަދިޔާ އެކަކަށްވުރެގިނަ ފަރާތްތަކަށް ލިބިގެންދާއިރު ބޮޑު އިނާމުގެ ގޮތުގައި ގިނަ އިނާމްތަކެއް ނަސީބުވެރި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލީ ހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ޕެކެއް ލިބިގެން ދާނެއެވެ. އަދި ކޮންމެ ސްޓޯލެއްގައިވެސް ހަރަކާތްތަކުގައި ބައިވެރިވާ ކުދިންނަށް އަދި އާއިލާތަކަށް ހަދިޔާ ލިބިގެންދާނެއެވެ. އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ، ސްޓޯލްތަކުގައި ވަކިވަކި ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިޔަށް ގެންދާ ހަރަކާތްތަކާ އާއިލާތަކުގެ މެދުގައި ބޭއްވޭ ހަރަކާތްތައްވެސް ކުރިޔަށް ގެންދިއުމަށް ރާވާފައިވެއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މީގެކުރިންވެސް ކާމިޔާބު އާއިލީ ހަވީރުތައް ބާއްވާފައިވެއެވެ. އިންތިޒާމް ކޮށްފައިވާ ގޮތަށް މިއިވެންޓް ކުރިޔަށް ގޮސްފިނަމަ މިއީ މިހާތަނަށް، ހުރިހާ މުއައްސަސާއަކާއި ހެއޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު އިހަވަންދޫގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެއެވެ. މިއިވެންޓް މިނޫހުގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިއުބް ޗެނަލުން ލައިވް ކުރާނެއެވެ.