200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި

މުޙައްމަދު އަކުރަމް

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން “90 ރަން” ގެ ނަމުގައި ދުވުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

އިހަވަންދޫ ސްކޫލްގެ ގްރޭޑް 1-7 ގެ ދަރިވަރުން ބައިވެރި ކޮށްގެން ކުރިޔަށް ގެންދިޔަ މިދުވުމުގައި 200 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ. އިއްޔަ ހަވީރު 16:15 ގައި އިހަވަންދޫ ޕޮލިސް ސްޓޭޝަން ދޮރުމަތިންފެށި މިދުވުމުގެ ހަރަކާތް ނިންމާލާފައިވަނީ ޤާޒީ ދަނޑުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހުއެވެ. މިދުވުމުގައި ބައިވެރިވި ހުރިހާ ކުދިންނަށްވެސްވަނީ މެޑަލް އަދި ގިފްޓްޕެކެއް ދީފައެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން “ހިތްތަކުގެ މާމެލާ މެލީ” ގެ ނަމުގައި ބާއްވާ އާއިލީ ހަވީރު މިއަދު ހަވީރު 16:30 ހުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި އޮންނާނެއެވެ. މިހަރަކާތަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯ ތަކުގެ އިތުރުން އިހަވަންދޫގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ވިޔަފާރިތަކުގެ އެހީގައި ކުރިޔަށްގެންދާ ހަރަކާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލީ ހަވީރުގައި 12 ސްޓޯލެއްގައި ކުޅިވަރު ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ކޮންމެ ސްޓޯލެއް ސްޕޮންސާކޮށްފައިވާ ފަރާތުން ދޫކުރާ ހަދިޔާ އެކަކަށްވުރެގިނަ ފަރާތްތަކަށް ލިބިގެންދާއިރު ބޮޑު އިނާމުގެ ގޮތުގައި ގިނަ އިނާމްތަކެއް ނަސީބުވެރި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވެއެވެ.