އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި

މުޙައްމަދު އަކުރަމް

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން “ހިތްތަކުގެ މާމެލާ މެލީ” ގެ ނަމުގައި ބޭއްވި އާއިލީ ހަވީރުގައި އެތައް ސަތޭކަ ކުދިންކާއި ބެލެނިވެރިން ބައިވެރިވެއްޖެއެވެ.

އިއްޔަ ހަވީރު 16:30 ގައި އިހަވަންދޫ ދެކުނުފަރާތު ބަނދަރުމަތިންފެށި މިއާއިލީ ހަވީރު ގައި 1300 އަށްވުރެގިނަ ކުޑަކުދިންގެ އިތުރުން އެކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. އާއިލީ ހަވީރު ފެށިގެން އެތައް އިރެއްވީއިރުވެސް ގޭޓުން ވަންނަން ކިއުގައި ތިބެންޖެހުނެވެ. އެންޓްރަންސް ގޭޓުންވަތް ހުރިހާ ކުދިންނަށްވެސް ވަނީ ހަދިޔާ ޕެކެއްގެ އިތުރުން ބޮޑު އިނާމު ލިބޭ ކޫޕަން ދީފައެވެ. މިއާއިލީ ހަވީރުގައި 12 ސްޓޯލެއްގައި ހަރަކާތްތައް ކުރިޔަށް ދިޔައިރު ހުރިހާ ސްޓޯލަކުންވެސް ދިޔައީ ތަފާތު އިނާމުތައް ދެމުންނެވެ. މިއީ މިހާތަނަށް އިހަވަންދޫގައި ބޭއްވި މިފަދަ ހަރަކާތަކަށް އެންމެބޮޑު ތަރުހީބެއް ލިބިގެންދިޔަހަރަކާތްކަން ފާގަހަކުރެވެއެވެ.

މިހަރަކާތަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯ ތަކުގެ އިތުރުން އިހަވަންދޫގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ވިޔަފާރިތަކުގެ އެހީގައި ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.