Banner Image Description

އައި.ޑަބްލިއު.ސީ.ޖީ.އިން އިހަވަންދޫގައި ކަސްރަތު ޕްރޮގުރާމެއް ފަށައިފި

ފާތިމަތު ރާޔާ ރައޫފް

އިހަވަންދޫ ވިމެންސް ކޮމިއުނިޓީ ގްރޫޕް (އައި.ޑަބްލިއު.ސީ.ޖީ)ގެ އިސްނެގުމާއެކު “ފަހެލި” ގެ ނަމުގައި ކަސްރަތު ޕްރޮގުރާމެއް ފަށައިފިއެވެ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން މި ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާއިރު ވޭތުވެދިޔަ ފެބްރުއަރީ މަހު “ފަސޭހަ ކަސްރަތު” ގެ ނަމުގައި ކުލަބު ޕޯލްސްޓަރ އިން ކަސްރަތު ޕްރޮގުރާމެއް ވަނީ ހިންގައިފައެވެ. މި ޕްރޮގްރާމަކީ އައިޑަބްލިއުސީޖީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު ހިންގާފައިވާ ޕްރޮގްރާމަކަށްވެފައި ގިނަ ބައެއްގެ ސަޕޯޓު މި ހަރަކާތަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

“ފަސޭހަ ކަސްރަތު” ޕްރޮގުރާމަށްފަހު “ފަހެލި” ކަސްރަތު ޕްރޮގުރާމެއް ފެށިފައިވާއިރު މިއީ އިހަވަންދޫ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގުރާމެއްކަން ފާހަގަކުރެވެއެވެ. ރޭ (14 މާރިޗް)ގައި ފަހެލި ކަސްރަތު ޕްރޮގުރާމް ފަށާފައިވާއިރު މިހާތަނަށް ޖުމުލަ 46 ފަރާތެއް މި ޕްރޮގުރާމުގައި ބައިވެރިފައިވެއެވެ.

މި ނޫހަށް މައުލޫމާތު ދެމުން އައިޑަބްލިއުސީޖީގެ ޓީމުން ބުނެފައިވަނީ ފަސޭހަ ކަސްރަތު ޕްރޮގުރާމު ނިމުމާއެކު އަވަހަށް ފަހެލި ކަސްރަތު ޕްރޮގުރާމް ފެށުމުގެ ބޭނުމަކީ ކަސްރަތު ކުރުމުގެ ރޫހާއި ޖޯޝު އިހަވަންދޫގެ ގިނަބައެއްގެ ފަރާތުން ފެނިގެންދިއުމެވެ. ހަމައެކަނި އިހަވަންދޫ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ މި ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުން ކަމުގައި އައިޑަބްލިއުސީޖީގެ ޓީމުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ރޭ 20:00 ގައި ހުރަވީ ދަނޑުގައި މި ޕްރޮގުރާމު ފެށިގެންދިޔައިރު ޕްރޮގުރާމްގެ އިންސްޓްރަކްޓަރަކީ ޕޮލިސް ސްޓާފް ސަރޖަންޓް ހުސައިން މޫސާއެވެ. މި ޕްރޮގްރާމް ރޭ ފަށައިފާވީ ނަމަވެސް ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތްކަމަށާއި މިފެށޭ ރަމަޟާންމަހުގެ ނިޔަލަށް ޕްރޮގުރާމް ކުރިޔަށް ގެންދާނޭކަމަށްވެސް އައިޑަބްލިއުސީޖީގެ ޓީމުން ބުނެފައިވެއެވެ.

ނިމިދިޔަ މާރިޗް މަހުގެ 8 ވަނަ ދުވަހު އައިޑަބްލިއުސީޖީއަށް އަހަރެއް ފުރިފައިވާއިރު މި ޕްރޮގްރާމަކީ އެކަމުގެ މުނާސަބާގައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްކަމަށް އެ ޓީމުން ބުނެފައިވެއެވެ.

އައިޑަބްލިއުސީޖީއަކީ ރަށުގައި ހިންގޭ އިޖުތިމާއީ ކޮންމެ ކަމެއްގައިވެސް ފުރިހަމަ އެއްބާރުލުންދޭ، އެ ގުރޫޕުގެ އިސްނެގުމާއެކުވެސް ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންދާ ގުރޫޕެއްކަން ފާހަގަކުރެވެއެވެ.