މާފިނޮޅު ވަރުވާއަށް ދޫކުރަން އިޢުލާނު ކުރެވުނީ ޑޭޓާބޭސްގެ މައްސަލައަކުން: މިނިސްޓަރ ޝައިނީ

ޢަބުދުﷲ ޙަމީދު

ހއ. މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދާދޭނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއަރޕޯރޓްސް އޮތޯރިޓީން އިޢުލާނުކޮށްފައި ވަނިކޮށް އެރަށް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިޢުލާނު ކުރެވުނީ ޑޭޓާ ބޭސްގެ މައްސަލައަކުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޑރ. ޝައިނީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިރާދަކުރެއްވިއްޔާ މާފިނޮޅުގައި އަޅާނީ އެއާރޕޯޓެއް ކަމަށެވެ.

ހއ. މާފިނޮޅުގައި އެއަރޕޯޓު އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހެދުމުގެ އަންދާސީ ހިސާބު، އަންނަ އާދިއްތަ ދުވަހު މެންދުރުފަހު 1:30 ގައި ބަލާގަތުމަށް ހަމަޖެހިފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން މީގެ ކުރިން ވަނީ އިޢުލާނު ކޮށްފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 21 ގައި ވިދާޅުވެފައި ވަނީ ހޯރަފުށި ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.