2017 ވަނަ އަހަރު ގެ ޖުލައި މަހުގެ ހަތްވަނަދުވަހު ރެޖިސްޓުރީ ކުރެވުނު ހަތްވަނަ ހާއަލިފް ލިޓްލްމެއިޑް ގުރޫޕްގެ ދަރިވަރުން ހުވާކޮށްފިއެވެ.
ލިޓްލްމެއިޑުން ހުވާކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެކަމަށްޓަކައި އިހަވަންދޫ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިހަވަންދޫ ބްރާންޗްގެ ކަސްޓަމަރ ސަރވިސް އެސިސްޓެންޓް މަރިޔަމް ތަޙްމީނާ އެވެ.
ހަތްވަނަ ހާއަލިފް ލިޓްލްމެއިޑް ގުރޫޕްގެ 60 ދަރިވަރުންނަށް ހުވާލާދެއްވީ ގާލް ގައިޑް ލީޑަރ ނާހިދާ ޢަލީ އެވެ. ލިޓްލްމެއިންޑުން ކުރި ހުވާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދީނީ އަދި ޤައުމީ ވާޖިބުތައް އަދާ ކުރުމާއެކު، އެހެން މީހުނަށް، ޙާއްޞަ ކޮށް، ގޭތެރޭގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ދިވެހިރާއްޖޭގައި ގާރލްގައިޑުގެ މި ހަރަކާތް ފެށިގެން ދިޔައީ 1951 ވަނަ އަހަރު ޑިސެންބަރު މަހު އެއް ތިރީސްވަނަދުވަހު އެވެ. އަދި ވޯލްޑް އެސޯސިއޭޝަން ގާރލް ގައިޑް އެންޑް ގާލް ސްކައުޓިންގެ ދާއިމީ މެމްބަރަކަށް ދިވެހިރާއްޖެ ވެގެންދިޔައީ 1999 އަހަރު ޖުލައި މަހު 2 ވަނަދުވަހު އެވެ. ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ މިހަރަކާތް ބަހާލަފާއިވަނީ ސްޓަރ ،ލިޓްލްމެއިޑް ގާލްގައިޑް އަދި ޔަންގް ލީޑަރސް މި ގްރޫޕް ތަކަށެވެ.