މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށް އީ.އައި.އޭ ހެދުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

ހއ. މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދާދޭނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއަރޕޯރޓްސް އޮތޯރިޓީން އަނެއްކާވެސް އިޢުލާނު ކޮށްފި އެވެ.

މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ނިމިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރީޖަނަލް އެއާޕޯޓްސް އިން އިއުލާނުކުރިއެވެ. ސަރުކާރުގެ ގެޒެޓުގައި، އެއޮތޯރިޓީން މިއަދު ކޮށްފައިވާ އިއުލާނުގައި ވަނީ ކުރިން ކުރި އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރީ އެންމެ ދެ ފަރާތުން ކަމަށާއި އެހެން ކަމުން އެ އިއުލާނު ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލާ ކަމުގައެވެ.

އެކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މާރިޗު 18 ވާ އާދިއްތަ ދުވަހުއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މާރިޗް މަހުގެ 25 ވަނަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއާޕޯޓްސްއަށެވެ.

ހއ. މާފިނޮޅަކީ ހުވަރަފުޓާއި އެއްފަޅަކުން ގުޅިފައިވާ ރަށްތަކުގެ ހާރުގައި ހިމެނޭ ފަޅުރަށެކެވެ. ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުން މިއަހަރު ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ހުސްވި ފެބުރުވަރީ 21 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމުހުރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.