Banner Image Description

އައި. ކްލަބް ވަންޑޭކަޕް ޗެމްޕިއަންކަން އެންވީކޭއަށް

މަހްމޫދު ޢަލީ

އައި. ކްލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އައި. ކްލަބް ވަންޑޭކަޕް 2018ގެ ޗެމްޕިއަންކަން އެންވީކޭއިން ހޯދައިފިއެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއިން ކާމިޔާބުކުރީ އެފްސީ ބޮޑުމަގާއި ވާދަކޮށް ފައިނަލްގައި1-0ގެ ނަތީޖާއަކުން ބޮޑު މަގުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އައި. ކްލަބް ވަންޑޭކަޕް 2018ގެ ފައިނަލްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދައްކާފައިވަނީވެސް އެންވީކޭގެ ފަރާތުންނެވެ. ފޯރިގަދަ ކުޅުމަކަށްފަހު ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އަދި ފައިނަލް މެޗްގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފަހު ހާފްގެ 11 ވަނަ މިނެޓްގައި އެންވީކޭއަށް ކާމިޔާބުކޮށްދިނީ އުއްމީދީ ކުޅުންތެރިޔާ މުޙައްމަދު މަދީހެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކި ވަނަތަކަށް އައި ޓީމުތަކަށް ތައްޓާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާން ހީވާގި އަންހެންކަނބަލެއް ކަމުގައިވާ ޢާއިޝަތު ޝާއިރާއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އެންވީކޭގެ 2 ކުޅުންތެރިންނާއި އެފްސީ ބޮޑު މަގުގެ 3 ކުޅުންތެރިންނެވެ. އެއީ އެންވީކޭގެ މަދީހާއި، ހާމިދާއި އެފްސީ ބޮޑުމަގުގެ ކީޕަރ އަޒްޔަދާއި، ސިނާންގެ އިތުރުން ސުހެއިލްއެވެ. ޗެމްޕިއަން ޓީމަށް މިލްކުވާ ތައްޓާއި 3000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު ދެވަނަ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް އައި. ކްލަބުން ވަނީ ދީފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ 6 ޓީމެއް ވާދަކުރިއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ހުކުރު ދުވަހު ހެނދުނު ކުރިއަށްދިޔައީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އޮންނަ ވެލިދަނޑުގައެވެ. އަދި ސެމީ ފައިނަލް ދެމެޗާއި ފައިނަލް މެޗް ކުޅުނީ ހަވީރު ޕީކޭ ދަނޑުގައެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު އިހަވަންދޫ.ކޮމްއާއި ވާހަކަދައްކަމުން އައި. ކްލަބުގެ ފަރާތުން މުހައްމަދު ޝިހާން ބުނެފައިވަނީ މުބާރާތުގެ އިންތިޒާމްތައް ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށާއި ވަކިން ޚާއްސަކޮށް ޕޮއިސްގެ ފަރާތުން ދިން އެއްބާރުލުމަށް ވަރަށް ޚާއްސަ ޝުކުރެއް ޕޮއިސްއަށް ރައްދުކުރާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ޒުވާނުންގެ އިސްނެގުމަށް މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވާއިރު، ކާމިޔާބުކަމާއެކު މުބާރާތް ނިންމާލަދިނުމަށް ޒުވާނުން ދިން އެއްބާރުލުމަށްވެސް ޝުކުރުއަދާކުރާކަމުގައި ޝިހާން ވަނީ ބުނެފައެވެ.