މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދަނީ

ޢަބުދުﷲ ޙަމީދު

ހއ. މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދާދޭނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއަރޕޯރޓްސް އޮތޯރިޓީން އެޢުލާނު ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވާ މިއިޢުލާނުގައި ވާގޮތުން ހއ.މާފިނޮޅުގައި އެއަރޕޯޓެއް ތަރަށްޤީ ކުރުމަށް ބޭނުންވާތީ އެ އެއަރޕޯޓް ތަރައްޤީކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 މާރިޗު 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރިޗު 2018 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދޭ ކަމަށެވެ.

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުން މިއަހަރު ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މިމަހުގެ 21 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ހއ. މާފިނޮޅަކީ ހުވަރަފުޓާއި އެއްފަޅަކުން ގުޅިފައިވާ ރަށްތަކުގެ ހާރުގައި ހިމެނޭ ފަޅުރަށެކެވެ. މިރަށަކީ މީގެ ކުރިން 2014 ވަނަ އަހަރު ސަރުކާރުން ޓޫރިސްޓު ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލައި އިޢުލާނު ކޮށްފައިވާ ރަށެއްކަން ފާހަގަ ކުރެވެއެވެ.