މިނިވަން ޗެމްޕިއަންޝިޕް: ހއ ބުރު ދިއްދޫގައި

މުޙައްމަދު އަކުރަމް

އަންނަމަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕްގައި ހއ އަތޮޅުގެ މެޗުތައް ކުޅޭރަށަކަށް ދިއްދޫ ހަމަޖައްސައިފިއެވެ. މިމުބާރާތުގެ ހއ އަތޮޅުން ބައިވެރިވެފައިވަނީ ދިއްދޫ، މުރައިދޫ އަދި އިހަވަންދޫ އެވެ.

މިއީ މިމުބާރާތުގައި އިހަވަންދޫއިން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ. ފާއިތުވި ތިންއަހަރު، އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވެފައި ވީނަމަވެސް، އެކިއެކި ސަބަބުތަކާއިހުރެ ވަކިހިސާބަކުން ކޮންމެފަހަރަކުވެސްވަނީ މުބާރާތުން ވަކިވެފައެވެ.

މިއަހަރުގެ މުބާރާތުން ފުރުސަތުދީފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުގެ މުބާރާތުގައި އިހަވަންދޫ ތަމްސީލްކުރަން ކައުންސިލުން ފުރުސަތު ދީފައިވަނީ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށެވެ. މިމުބާރާތުގައި ދިއްދޫ ތަމްސީލް ކުރާނީ ބާރަލާ ސްޕޯރޓްސް ކްލަބެވެ. އެޓީމްގެ ފަރިތިކުރުންތައް ފެށިގެން ކުރިޔަށް އެބަދެއެވެ.