އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ: ރައީސުލްޖުމުހުރިއްޔާ

ޢަބުދުﷲ ޙަމީދު

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަ އައިހެވަން މަޝްރޫއުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން މިހާރުވަނީ ނިންމާފައި ކަމަށް ރައީސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

މިރޭ އިއްވި ރިޔާސީ ބަޔާނުގައި މިހެން ވިދާޅުވުމުގެ އިތުރުން މި މަޝްރޫއުއާއި ގުޅޭ އެއްވެސް ތަފްސީލެއް ރައީސް ދެއްވާފައެއް ނުވެއެވެ.

އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ ކަމަށް މިރޭ ރައީސް ވިދާޅުވެފައިވާއިރު، އައިހެވަންގެ ޕުލޭން މިހާރު ނިމިފައިވާކަށާއި މަޝްރޫޢުގެ އަމަލީ މަސައްކަތަށް އަދި ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮންނާނެ ކަމަށް 2 ނޮވެމްބަރ 2017 ގައި އެކޮނޮމިކް މިނިސްޓްރީން މިނޫހަށް މައުލޫމާތު ދެއްވާފައިވެއެވެ.

 އައިހެވަން މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 2016 ވަނަ އަހަރު ފަށާނެ ކަމަށް، 2016 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހއ. ހޯރަފުށީ ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް  ޔާމިން ވިދާޅުވެފައިވީނަމަވެސް މިއަދާހަމައަށްވެސް ބިންހިއްކުމުގެ މަސައްކަތް ފަށާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ، އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭ ގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓު ކުރާ އިތުރު އިންޑަސްޓްރީ ކަމުގައިވާ ވެއާހައުސިން، ޕެކޭޖިން، ޕްރޮސެސިން، މެނިފެކްޗަރިން، އިންޓާނޭޝަނަލް ކްރޫޒް ފެސިލިޓީ އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.