މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރުވެސް އިހަވަންދޫ ބައިވެރިވެއްޖެ!

މުޙައްމަދު އަކުރަމް

އަންނަމަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރުވެސް އިހަވަންދޫއިން ބައިވެރިވެއްޖެއެވެ. މިއީ މިމުބާރާތުގައި އިހަވަންދޫއިން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ. ފާއިތުވި ތިންއަހަރު، އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވެފައި ވީނަމަވެސް، އެކިއެކި ސަބަބުތަކާއިހުރެ ވަކިހިސާބަކުން ކޮންމެފަހަރަކުވެސްވަނީ މުބާރާތުން ވަކިވެފައެވެ.

މިއަހަރުގެ މުބާރާތުން ފުރުސަތުދީފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުގެ މުބާރާތުގައި އިހަވަންދޫ ތަމްސީލްކުރަން ކައުންސިލުން ފުރުސަތު ދީފައިވަނީ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެލްޖީއޭއިން އިހަވަންދޫ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކުރުމުގެ ކުރިން، ކައުންސިލުންވަނީ މިމުބާރާތުގައި އިހަވަންދޫ ތަމްސީލުކުރުމަށް ނިންމައި އެކަން ތަންފީޒްކުރަން ފަށާފައެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި އަށް ޒޯން ހިމެނެއެވެ. އިހަވަންދޫ ހިމެނެނީ ހއ އަދި ހދ އަތޮޅުގެ ޓީމްތައް ހިމެނޭ ޒޯން 1 ގައެވެ. މިއަހަރުގެ މުބާރާތުގައި ހއ އަތޮޅުން ބައިވެރިވީ އިހަވަންދޫގެ އިތުރުން ދިއްދޫ އަދި މުރައިދޫއެވެ. ހދ އަތޮޅުންވަނީ ހަނިމާދޫ، ކުޅުދުއްފުށި، ކުމުންދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ފިނޭ، ނޮޅިވަރަމް އަދި ކުރިނބީ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ. މިމުބާރާތުގައި އަތޮޅު ބުރުގެ ޗެމްޕިއަން ޓީމުތައް ޒޯން ބުރުގައި ވާދަކުރާ އިރު، ފައިނަލް ބުރަށް ދަތުރުކުރާނީ ޒޯން ބުރުގެ ޗެމްޕިއަން ޓީމުތަކެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މުޅި ރާއްޖެއިން ޖުމްލަ 57 ރަށަކުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު މިމުބާރާތުގައި 81 ރަށަކުން ބައިވެރިވިއެވެ.