އިހަވަންދޫ ދާއިރާގެ ގޮނޑި އަނެއްކާވެސް ސުވާލެއްގެ ތެރެއަށް!

މުޙައްމަދު އަކުރަމް

ރޭ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން، ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި އެ ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސައިލަން ކުރި އަމުރާއިއެކު، އިހަވަންދޫ ދާއިރާގެ ގޮނޑިއާއި މެދު ސުވާލު އުފެދިއްޖެއެވެ. ފެބްރުއަރީ 1 ގައި ހުކުމުގައި ބުނެފައިވާ، ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ނޫން ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އިރު، ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ބަޔަށް މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.

ސްޕްރީމް ކޯޓުން ރޭ އަމުރު ނެރުނުއިރު، މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް މިއަދު ބޭއްވުމަށް އެޖެންޑާކޮށް، ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުންނަށް ވަނީ ޖަލްސާ އަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. ނަމަވެސް އެއަމުރު ނެރުމާއިއެކު އެ 12 މެމްބަރުންނަށް ދީފައިވާ ދައުވަތުވަނީ އަނބުރާ ގެނެސްފައެވެ.

ސުޕްރީމު ކޯޓުގެ މި އަމުރުގައި ބުނީ މި ގޮތަށް އަމަލު ކުރަން އެންގީ ފެބުރުއަރީ 1ގެ އަމުރަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްޗެއް ކަމަށް ބަންޑާރަ ނައިބަށް ފެންނަ ހިނދު، އަދި ގާނޫނީ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުމަށާއި ރައްޔިތުންގެ ސަލާމަތާއި މަންފާ އާއި އާއްމު މިނިވަންކަން ދިފާއު ކުރުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތަކަށް ވާތީ މި ބަޔަށް އަމަލު ކުރުން ފަސްކުރަން ދައުލަތުން އެދިފައިވާތީ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް، މިހާރު ތިއްބެވި މެމްބަރުންނާއެކު މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާ ފެށުމަށް އަންގައިފަ އެވެ.