Banner Image Description

ބައިނަލްއަގްވާމީ ފެންވަރުގެ ޑާޓާ ސެންޓަރއެއް އުރީދޫއިން ރާއްޖޭގައި ހުޅުވައިފި

ޢަބުދުﷲ ޙަމީދު

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ.

އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ޙިދުމަތް ދިނުމުގައި ހިދުމަތްތަކުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަން، ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާއެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެކެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީވަމުންއަންނަ ހުޅުމާލޭގައި ގާއިމް ކުރެވުނު މި ސެންޓަރު ހުޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އާއި އެ ކުންފުނީގެ ޗީފް ޓެކްނނޮލަޖީ އޮފިސަރު އެމްއެސް ތަންވަރު އެވެ.

އޯއެމްޑީސީ އަކީ ޓިއަރ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެކެވެ. މިސެންޓަރު ގާއިމް ކުރެވިފައިވަނީ ތަނަވަސް ސްޓޯރޭޖް ކެޕޭސިޓީއަކާއިއެކު 7/24 މަސައްކަތް ކުރާ ހައި ސެކިއުރިޓީ ސިސްޓަމް، ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި، ވަރުގަދަ ޕަވަރ ބެކަޕަކާއެކު ގާއިމްކުރެވިފައިވާ ސެންޓަރެކެވެ. މި އިމާރާތް ބިނާކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ. މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކް ސްޕޭސް އާއި އެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ ކަމުގައިވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގެ ހިދުމަތްތައް މި ސެންޓަރުން ޑޭޓާ ކޯލޮކޭޝަން، ފުލް ރެކް ނުވަތަ ޝެއާޑް ރެކް ސްޕޭސް އާއި ރޭޓަޑް ޕަވާ އެންޑް ކޫލިން އާއި ރިމޯޓް ހޭންޑްސް ސަޕޯޓް ޑޭޓާ ސެންޓާ މެނޭޖްޑް ހޮސްޓިންގެ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ޑެޑިކޭޓަޑް ޔުޓިލިޓީ ހޮސްޓިން އާއި ޑިޒާސްޓާ ރިކަވަރީ އެންޑް ބެކަޕް އާއި މެނޭޖްޑް އިންފްރާސްޓްރަކްޗާ މޮނިޓަރިންގެ ހިދުމަތް ވެސް ލިބޭނެ އެވެ.