އިހަވަންދޫގައި ރައީސް ޔާމީނަށް ތައީދުއޮތްމިންވަރު ދައްކާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ރައީސް ޔާމީނަށްއޮތް ތާއީދު ދައްކާލުމަށް އެއްވުމެއް ބާއްވާފިއެވެ. މިއަދު ހަވީރު އިހަވަންދޫ ޕީޕީއެމް އޮފީސްހުންނަ ސަރަހައްދުގައި އޮތް މިއެއްވުމުގައި، ރައީސްޔާމީނާއި މިސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ޖަމާވެ އެމީހުން ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން އެމީހުންގެ ޝުއޫރު ފާޅުކުރުމަށް އެއްވުމުގެ ބައެއް ބައިވެރިންތިބީ ޕޯސްޓަރުތަކެއް ހިފައިގެންނެވެ.

ގާތްގަނޑަކަށް 80-90 އާއި ދެމެދު އަދަދެއްގެ މީހުން މިއެއްވުމުގައި ބައިވެރިވެފައިވާއިރު، އެއްވުމުގެ ބައިވެރިއެއްކަމަށްވާ ސަމަދުބެ ހުރީ “5000ރ ޔަގީން” ކަމަށާއި އެކަމަށް ޝުކުރުވެރިވާކަމަށް ލިއެފައިވާ ބޯޑެއް ހިފައިގެންނެވެ. މީގެއިތުރުން “ތަރައްޤީގެ ބާނީ”، “މިއަޒުމެއް ނުގުޑާނެ”، “ބޭނުމީ ރައީސް ޔާމީން” ފަދަ ޝުއޫރުތައް މިއެއްވުމުން ފެނިގެންދިޔައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައިވާ މިދަނޑިވަޅުގައި، މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕީޕީއެމްއިންވަނީ މިފަދަ އެއްވުންތަކެއް ބާއްވާފައެވެ. މިއަދު ޕީޕީއެމުން ބޭއްވި އެއްވުންތަކަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާން އަންގާފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ނިކުތުމަށް ކުންފުނީގެ އިސްވެރިން ވައިބާ ގްރޫޕްތަކަށް ފޮނުވާ މެސެޖްތައް ވަނީ އާންމުވެފަ އެވެ.