މެމްބަރު މުހައްމާ އަނެކާވެސް ގޮނޑިއަށް!

މުޙައްމަދު އަކުރަމް

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނިކޮށް، ބުރާސްފަތިދުވަހުގެރޭ ސްޕްރީމްކޯޓުންކުރި އަމުރާއިއެކު އެބޭފުޅާއަށް އަލުން މެމްބަރުކަމުގެ ގޮޑި ލިބިއްޖެއެވެ. މުހައްމާ ހިމެނޭގޮތަށް، ޕީޕީއެމްގައި ތިބުމަށް ފަހު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމީ އެ ބޭފުޅުން އިންތިޚާބުވި ޕާޓީން ވަކިވީ ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރުގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން ކުރިން ކުރި ހުކުމް މިއަމުރާއިއެކު ބާތިލްވީ އެވެ. އެ ހުކުމުގެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެހެންވެ، އެ ހުކުމް ކުރިއިރު މަޖިލީހުގައި ތިބި މެމްބަރުން ވެސް ބައިވެރިކޮށްގެން މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން އެ އަމުރުގައި އަންގާފައިވެ އެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ. އެޖަލްސާގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީން ރިއާސީ ބަޔާން އިއްވެވުން އެކަންޏެވެ. ރިއާސީ ބަޔާނުގައި، މި އަހަރަށް ދައުލަތުގެ ސިޔާސަތު ކަނޑައެޅިފައިވާ ގޮތް ބަޔާން ކޮށްދެއްވާނެ އެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިއާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.

ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ.