ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުގައި ލޭބަރއެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދާ ހއ. އިހަވަންދޫ / ޖަވާހިރުމާގޭ، ޢަބްދުލްއަލީމް ޙަސަން (ޙަސަންފުޅުބޭ އަލީމް)، ގދ. މަޑަވެއްޔަށް ފޮނުވައިލަން ނިންމައި އެކަން އޭނާއަށް އަންގަފި ކަމަށް ޚަބަރު ލިބިއްޖެއެވެ.
ފެނަކައިގެ ހެޑް އޮފީހުން އަލީމަށް ފޮނުވައިވާ “ސެކްޝަން ބަދަލުވިކަމުގެ ލިޔުން”ގައި ވަނީ 05 ފެބްރުއަރީ 2018 އިން ފެށިގެން ގދ. މަޑަވެލީގައި ހުންނަ އެ ކޯޕަރޭޝަންގެ ބްރާންޗަށް ވަޒީފާއަށް ނިކުތުމަށެވެ.
އަލީމަކީ މަސައްކަތުގެ މައިދާނުގައި ނުހަނު ހީވާގި މުރާލި ކެރޭ އިޚްލާޞްތެރި ހިތެއްގެ ވެރި ބޭފުޅެއްކަމަށް އިހަވަންދޫ ރައްޔިތުން ދެކޭއިރު، އޭނާއާ ޙަވާލުކޮށްފައިވާ މަސައްކަތުގެ ޒިންމާވެސް ނުހަނު ފުރިހަމައަށް އަދާކުރަމުންދާކަމާމެދު އިހަވަންދޫގެ އެއްވެސް ރައްޔިތަކު ދެބަހެއް ނުވެއެވެ.
އަލީމާމެދު މި ފިޔަވަޅު އަޅާފައި ވަނީ ފެބްރުއަރީ ދެ ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން އިހަވަންދޫގައި ބޭއްވުމަށް ތައްޔާރުވަމުންދާ ޖަލްސާގެ ތައްޔާރީތަކުގައި ބައިވެރިވަމުން ދާތީކަމަށް ފެނަކަ އިހަވަންދޫ ބްރާންޗްގައި މަސައްކަތްކުރާ މުވައްޒަފަކު ފޭސްބުކްގައި ހާމަކޮށްފައިވެއެވެ.
އަލީމާމެދު މިފަދަ ފިޔަވަޅެއް އަޅާފައި ވާތީ އެކަން ކުއްވެރިކޮށް އިހަވަންދޫއަށް ނިސްބަތްވާ ގިނަ ޒުވާނުން ގެންދަވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.