އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑް ކޮށްފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކޮށް ކައުންސިލްގެ ހިންގުން ޒިންމާދާރު އިސްވެރިޔާއާއި ހަވާލުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުންނެވެ. ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާކަން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުވަނީ މިނޫހަށް ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރަން ނިންމާފައިވަނީ 30 ޖުނުއަރީގައި ބޭއްވި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބައްދަލުވުމުގައެވެ. އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރިކަން އަންގައި އިހަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމަށް އެޑްރެސްކޮށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިރޭ ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ކައުންސިލަރުން ސަސްޕެންޑުކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި ފަރުދީގޮތުން ލިބެންޖެހޭ ޚިދުމަތެއް ލިބިގަތުމަށް ވިޔަވައި، އެހެން ބޭނުމަކު ކައުންސިލް އިދާރާގެ ތެރެއަށް އެ ކައުންސިލަރުން ވަނުމަކީ މަނާކަމެއް ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ. އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންވެސް ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑްކުރިކަން އަންގައި ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން ކައުންސިލަރުން ސަސްޕެންޑްކުރީ އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ މުނާސަބާތާއިގުޅިގެން ކައުންސިލުން އަމަލުކޮށްފައިވަނީ ޤައުމީފެންވަރުގައި ކައުންސިލަކުން އަމަލުކޮށްގެންވާނޭފަދަ ގޮތަކަށް ނޫންކަމަށާއި، ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވަނީ މުޖުތަމައުގެ ހަމަޖެހުންގެއްލި، ސަރުކާރު ބަދުނާމުވާނެފަދަ ގޮތަކަށް ކަމަށާއި އަދި އެފަދަ މުނާސަބާތަކާއިގުޅިގެން ސަރުކާރުގެ އިދާރަތަކަށް ދޭންޖެހޭ އެއްބާރުލުންދިނުމުގެ ރޫޙު ކައުންސިލްގެ މެމްބަރުންގެ ކިބައިން ނުފެންނަކަމަށް އެލްޖީއޭގެ ބޯޑަށް ފެނުމުންކަމުގައެވެ.

ފާހަގަކުރެވޭގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ މިދަނޑިވަޅަކީ އިހަވަންދޫގައި، އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. އަންނަ ހުކުރުދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގެ ތައްޔާރީ ތަކުގައި 5 ކައުންސިލަރުންވެސްދަނީ ހަރަކާތްތެރިވަމުންނެވެ.

އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންނަކީ އަލްފާޟިލް ޢަބްދުﷲ ހަލީލް، އަލްފާޟިލް އަޙްމަދު ރިޟްވާން، އަލްފާޟިލް މުޙައްމަދު ރަޝީދު، އަލްފާޟިލް ޢަލީ ރަމީޒު އަދި އަލްފާޟިލް މުޙައްމަދު މަފާޒު އެވެ.