މަގުބައްތިތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތަށް އަނެއްކާވެސް ކައުންސިލަރުން ނިކުމެއްޖެ

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ މަގުބައްތިތައް ދިއްލުމުގެ އަމަލީ މަސައްކަތަށް އަނެއްކާވެސް އިހަވަންދޫކައުންސިލްގެ މެމްބަރުން ނިކުމެއްޖެ އެވެ.

މަގުބައްތިތައް މަރާމާތު ކުރުމުގެ މަސައްކަތަށް ކައުންސިލް މެމްބަރުން ނުކުންނަވާފައި މިވަނީ ކައުންސިލާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 9 ޖޫން 2017 އިން ފެށީގެން 1 އަހަރުގެ މުއްދަތަށް އެމަސައްކަތް ކޮށްދިނުމަށް ބަޔަކާއި ހަވާލުކޮށްފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ރަށުގެ ގިނަ ސަރަހައްދުތަކުގައި ހުރި މަގުބައްތި ތައް ނުދިއްލި ހުންނަތާ ގިނަދުވަސްތަކެއް ވެފައި ވާއިރު މިއަދު ކައުންސިލުން އެ އިދާރާގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް ހާމަކޮށްފައިވަނީ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ފަރާތުން، ކޮންމެ މަހަކު ދެފަހަރު ޗެކުކޮށް، މަގުތަކުގައި ނުދިއްލޭ ބައްތިތައް މަރާމާތު ކުރަންޖެހޭ ކަމަށާއި ބައްތިތައް ނުދިއްލި ގިނަދުވަސްވެ، ރައްޔިތުންގެ ޝަކުވާލިބި، އެކަން ރަނގަޅު ކުރުމަށް ކައުންސިލުން އަންގައިގެންވެސް އެދެވޭ ބަދަލެއް ނައުމުން އެފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.

މަގުބައްތި މަރާމާތު ކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިޢުލާނު ކޮށްފައިވާއިރު، ކައުންސިލުން މިއަދު ބުނެފައިވަނީ އެ އިދާރާއިން މިއަދު އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ އެހެން ފަރާތަކާ އެގުރިމެންޓު ކުރުމުގެ ކުރިންވެސް މަރާމާތު ކުރަންޖެހޭ ބައްތިތައް މަރާމާތުކޮށް ދިއްލުމަށް ކަމަށެވެ.

އިހަވަންދޫ ކައުންސިލްއަށް މިދައުރަށް ހޮވިވަޑައިގެންނެވި 5 ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ހަފުތާގައި ވެސް ވަނީ މަގުބައްތިތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތައް 5 ކައުންސިލަރުން ނުކުންނަވާފައެވެ.