ދިރާސީ އައު އަހަރަށް ސުކޫލު ތައްޔާރު

ޢަބުދުﷲ ޙަމީދު

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ވެފައިވާއިރު އިހަވަންދޫ ސުކޫލު އޮތީ ތައްޔާރަށް ކަމަށް އެސުކޫލުން ބުނެފިއެވެ.

އިހަވަންދޫ ސުކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް މުޙައްމަދު ޢަބުދުއްސަމަދު މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ސުކޫލު އޮތީ ތައްޔާރަށް ކަމަށާއި އެކަމަށްޓަކައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. މިގޮތުން ކިޔަވައިދިނުމަށްޓަކައި ޓީޗަރުން ހަމައަށް ތިބިކަން ފާހަގަ ކުރައްވާ، ދަރިވަރުންގެ ޓެކްސްޓް ފޮތްތައްވެސް ހަމައަށް ހުރިކަމަށް ޑެޕިއުޓީ ޕުރިންސިޕަލް ވިދާޅުވިއެވެ.

ކިޔަވައިދިނުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްހެން ވެ ނިމިފައިވާކަމަށް ފާހަގަ ކުރައްވަމުން މުހައްމަދު ޢަބުދުއްސަމަދު އިތުރަށް ވިދާޅުވީ، މުވައްޒަފުންނާއި ބެލެނިވެރިންގެ ބައްދަލުވުން ބާއްވާ، ގުރޭޑް 1 ގެ އޮރިއެންޓޭޝަން ބާއްވާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހު އެލްކޭޖީގެ އޮރިއެންޓޭޝަން ވެސް ބާއްވަން ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

ދިރާސީ އައު އަހަރު ފެށިގެން ދާނީ އިހަވަންދޫ ސުކޫލުގެ ޔުނީފޯމުގެ ބެޖަށް ގެނެވުނު ބަދަލާއި އެކު އައު ބެޖުގައެވެ. އިހަވަންދޫ ސުކޫލުގެ މިއަހަރުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއްދަންފަޅި އަކަށެވެ.

އެލްކޭޖީ އިން ފެށިގެން ގުރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ މި ސުކޫލުގައި މިއަހަރު ޖުމުލަ 784 ދަރިވަރުން ތައުލީމު ހާސިލް ކުރާނެއެވެ.