ޒުވާނުންގެ ބޮޑު ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ކައުންސިލުން ބާއްވާ ޒުވާނުންގެ ބޮޑު ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފައިވާ ގޮތުގައި މި ދަތުރަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން ނައްތާލައި އަޙުވަންތަކަމުގެ ގުޅުން އިތުރު ކުރުމުގެ ގޮތުން ރާވާ ދަތުރެކެވެ.  އުމުރުން 15 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ރާވާ މި ބޮޑު ޕިކްނިކް ދަތުރު ދާން ހަމަ ޖެހިފައި ވަނީ ހއ. ހުވަހަންދޫ އަށެވެ.

ކައުންސިލުން ބުނެފައި ވަނީ މި ދަތުރަކީ ބައިބައި ވުމާއި ދެކޮޅުވެރިކަމާއި ފިތުނަވެރިކަމަށް ހުރި ޖާގަތައް ނައްތާލައި، ރަހުމަތްތެރިކަމާއި އަހްވަންތަކަން ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ނިންމާފައިވާ ޕިކްނިކް ދަތުރެއް ކަމަށެވެ. މިއަހަރުގެ މިދަތުރު ކުރުމަށް ކައުންސިލުން ނިންމާފައިވަނީ  13 ޖަނަވަރީ 2018 ވާ ހޮނިހިރު ދުވަހު އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ 5 ކައުންސިލަރުން އިންތިހާބުވެފައިވާ އިހަވަންދޫ ކައުންސިލުން މިފަދަ ދަތުރެއް ކުރުމަށް ނިންމާފައި ވާއިރު، އެ މެމްބަރުން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރެއްވި އިރު އާއްމު ކުރެއްވި މެނިފެސްޓޯގައިވެސް މިފަދަ ދަތުރެއްގެ ވާހަކަ ހިނަމާފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި ފެތުރޭ ދެކޮޅުވެރިކަމުގެ ހުޅުތައް ނިއްވައި އެކުވެރިކަމުގެ ވޮށް ފުއްތައް ނިވަން ދަތިވާވަރު ކުރުމުގެ މަގިސަދުގައި ރަށުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިކޮށްގެން، ކޮންމެ އަހަރަކު އެއްފަހަރު ޕިކްނިކް ދަތުރެއް ދިއުމަށް ވަނީ މެނިފެސްޓޯގައި ކަނޑައަޅާފައެވެ.

މިދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްއިދާރާއިން ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.