މައި ކަޕް 2017: ތައްޓާއެކު ޖަންގަލް ތާރީހުގެ ތެރެއަށް

ޢަބުދުﷲ ޙަމީދު

ރޭ ކުޅެވުނު މައި ކަޕް 11 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި 3-0 ން މާރަންދޫ ބީ.އެސް.އެސް.ސީ (ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު) ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލުމަށްފަހު ޖަންގަލް ޓީމުން މައި ކަޕްގެ އާ ރެކޯޑުތަކެއްހަދައި ތާރީހުން ޖާގަހޯދައިފިއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ޖަންގަލް ޓީމު ވެފައިވަނީ މައި ކަޕްގެ 11 އަހަރުވީ ތާރީހުގައި ދެފަހަރަށް މުބަރާތް ކާމިޔަބުކުރި ފުރަތަމަ ޓީމަށެވެ. އަދި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމުގެ ޝަރަފުއޮތީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޖަންގަލް ޓީމު އަތުގައެވެ.

2014 ވަނަ އަހަރު ބޭއްވި މައި ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދުމާ ވަރަށް ގާތަށް ސެންސިޓީ ދިޔަނަމަވެސް އެފަހަރު ސެންސިޓީވަނީ ފައިނަލުގައި މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަތުން ބަލިވެފައެވެ. 2014 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލްގައި އެއްކޮޅުން މާރަންދޫގެ ޓީމެއް ވާދަކުރި ނަމަވެސް ފާއިތުވި 3 އަހަރުވެސް އެޓީމުތަކަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.

ރޭގެ ފައިނަލުން ބީ.އެސް.އެސް.ސީ ބަލިވުމުން ޖެހިޖެހިގެން 3 އަހަރު ފައިނަލުން މާރަންދޫ ޓީމެއް މިވަނީ ބަލިވެފަ… ފޮޓޯ: ލަޔާން އަޙްމަދު

ރޭ ކުޅެވުނު ފައިނަލް މެޗު އެއްކޮށްކަހަލަ ގޮތަކަށް ޑޮމިނޭޓްކުރީ ޖަންގަލް ޓީމުންނެވެ. ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޖަންގަލް އިން ހޯދި ނަމަވެސް މެޗުގައި އެޓީމުންޖެހި ތިންގޯލުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި ޖަންގަލް ޓީމަށް ލީޑު ނަގައިދިނީ އަޙްމަދު މުސްލިހު 8، އެވެ. ޖަންގަލް އަށް ލީޑު ފުޅާކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިހްސާން މަންސޫރު 9، އެވެ. ޖަންގަލް ޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ މުސްލިހުގެ ބަދަލުގައި ކުޅެން ނިކުތް އަޙްމަދު ފައިސަލް 7، އެވެ.

ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕު ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މައި ކަޕް ފުޓްބޯޅަ މުބާރާތް ﷲގެ އިރާދަފުޅާއެކު މި އަހަރުވެސް ބާއްވާނެކަމަށް މުބާރާތުގެ ބާނީ މުޙައްމަދު ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.