މައި ކަޕް 11 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ޖަންގަލް ޓީމުން ނިކުންނާނީ މުޅި އިހަވަންދޫ ތަމްސީލުކޮށް ރަށަށް ރީތިނަން ހޯދައިދިނުމުގެ މަޤުޞަދުގައިކަމަށް އެޓީމުގެ ކޯޗު ޙުސައިން ފަޔާޒު ބުނެފިއެވެ.
ކޯޗު ފަޔާޒުގެ ފޭސްބުކް ސްޓޭޓަސްގައި ފަޔާޒުވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 1-0 ން ކުޅިމަގު އަތުން މޮޅުވި މެޗުގައި ޖަންގަލް ޓީމަށް ސަޕޯޓުކޮށްދިން އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކޮށްފައެވެ. އަދި ފައިނަލް މެޗުގައި މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނައިރު ރެޔަށްވުރެއް ފުރިހަމަ ސަޕޯޓެއް އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އެދޭކަމަށް ޖަންގަލް ޓީމުގެ ކޯޗުވަނީ ބުނެފައެވެ.
ހއ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗުގައި ނިމިދިޔަ އަހަރުވެސް ބައްދަލުކުރީ މާރަންދޫގެ ޓީމަކާއި އިހަވަންދޫގެ ޓީމެކެވެ. އެއީ މާރަންދޫ ޔޫތު ކޯޕަރޭޝަނާއި އިހަވަންދޫގެ އިރު އުތުރަށް ނިސްބަތްވާ ނިކަ ޓީމެވެ. މި އަހަރުގެ ފައިނަލްގައި އިހަވަންދޫ ތަމްސީލްކުރާ ޖަންގަލް ޓީމުގައި މިދިޔަ އަހަރު ނިކަ ޓީމުން ފެނުނު މުހިއްމު ކުޅުންތެރިން ގިނަ އަދަދަކަށް ތިބިއިރު ފައިނަލްގައި ޖަންގަލްއާ ވާދަކުރާ މާރަންދޫ ބީއެސްއެސްސީގައި މިދިޔަ އަހަރު މާރަންދޫ ޔޫތު ކޯޕަރޭޝަނަށް ކުޅުނު ކުޅުންތެރިން ތިބިކަން ފާހަގަކުރެވެއެވެ.
އެހެންކަމުން މާދަމާރޭ އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މައި ކަޕް 11 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗަކީ މި ދެޓީމު ނިސްބަތްވާ ދެރަށުގެ އިތުރުން ދެޓީމުގެ ކުޅުންތެރިންނަށްވެސް ހާއްސަ މެޗެކެވެ.