ފައިނަލްގެ ދެވަނަ ޖާގައަށް ޖަންގަލް

ޢަބުދުﷲ ޙަމީދު

މައި ކަޕް 11 ވަނަ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 1-0 އިން ކުޅިމަގު ބަލިކޮށް މުބާރާތުގެ ފައިނަލްގެ ފަހުޖާގަ ޖަންގަލް ޓީމުން ހޯދައިފި އެވެ.

ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް މެޗުގެ ހަމައެކަނި ގޯލު ޖަންގަލް ޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ އިހުސާން މަންސޫރު 9، އެވެ. ކުޅިމަގު ޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން އަރިމަތިން އިހުސާން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ދެވަނަ ހާފުގައި ކުޅިމަގު ޓީމަށް ރަނުގެ ފުރުޞަތެއް ލިބި ދިޔައީ ބޭނުން ނުކުރެވިއެވެ. ޖަންގަލް ޓީމުގެ ޕެނަލްޓީ އޭރިޔާތެރެއިން ކުޅިމަގު ޓީމުގެ ކުޅުންތެރިއަކަށް ފައުލް ކުރުމުން ކުޅިމަގު ޓީމަށް ލިބުނު ޕެނަލްޓީ އެޓީމުގެ އިތުބާރު ފޯވާޑް މުޙައްމަދު ޒަމީރު  7، ފޮނުވާލުމުން މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޖަންގަލް ޓީމުގެ ގޯލް ކީޕަރ މުޙައްމަދު އައްފާން 30، ވަނީ ދިފާއުކޮށްފައެވެ.

ޗެމްޕިއަން ޓީމަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބާއި އިހަވަންދޫ ޖަންގަލް ޓީމެވެ.

ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ 1 ޖަނަވަރީ 2018 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.