Banner Image Description

ބީއެސްއެސްސީ ފައިނަލަށް

ޢަބުދުﷲ ޙަމީދު

މި އަހަރުގެ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ކުޅޭނެކަމަށް ގިނަބަޔަކު ބުނަމުންއައި އުތީމު ކައުންސިލް 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މާރަންދޫ ބީއެސްއެސްސީ (ބަނޑޭރި ސްޓަރ ސްޕޯޓްސްކުލަބު) ހޯދައިފިއެވެ.

ކުއާޓަރ ފައިނަލްގައި މާރަންދޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށް ސެމީން ޖާގަހޯދި އުތީމު ޓީމު ކޮޅަށް މެޗުގެ ފުރަތަމަ މިނެޓުގައި ގޯލެއްޖަހައި ބީއެސްއެސްސީން ވަނީ އުތީމު ޓީމު ހާސްކޮށްލައިފައެވެ. ބީއެސްއެސްސީ ޓީމުގެ ވައަތް ފަރާތުން ފަހަތަށް ކުޅޭ ޙުސައިން އާދަމް 7، ބޮލުން ޖަހައިދިން މިގޯލާއެކު ބީއެސްއެސްސީ އަށް ހަމަޖެހިލައިގެން ކުޅެން ފުރުސަތު ލިބުނެވެ. ނަމަވެސް ދެޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ދެޓީމުކުރެއް އެއްޓީމަކަށްވެސް ކާމިޔާބެއް ނުކުރެވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެންވެސް މާއެދެވޭ ކުޅުމެއް އެއްވެސް ޓީމަކަށް ނުދެއްކެއެވެ. ވަރަށް އާދައިގެ ގޮތަކަށް ކުޅުން ފެނުނު އުތީމު ޓީމަށް އިތުރު މައްސަލައެއް ދިމާވީ ދެވަނަ ހާފުގެ 19 ވަނަ މިނެޓުގައި ބީއެސްއެސްސީން އިތުރު ގޯލެއްޖަހައި ލީޑު ފުޅާކުރުމުންވެ. މި ލަނޑަކީ އުތީމު ޓީމުގެ ގޯލް ކީޕަރަށް ހެދުނު ބޮޑު ގޯހަކުން ވަތް ލަނޑެކެވެ. ބީއެސްއެސްސީ ޓީމުގެ ޕެނަލްޓީ އޭރިޔާގެ 10 ވަރަކަށް ފޫޓް ބޭރުން ބީއެސްއެސްސީ ޓީމުން ކުރިއަށް ފޮނުވާލި ބޯޅަ އުތީމު ޓީމުގެ ޕެނަލްޓީ އޭރިޔާތެރޭ ފެނުޖެހިފައި ކީޕަރު ބޯމަތިން ގޯލަށް އޮއްސެން ދިޔަ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ބީއެސްއެސްސީގެ މުޙައްމަދު ސާޖިދު 88، ބޮލުން ޖަހައެވެ.

މެޗު ނިމެން 4 މިނެޓަށް ވަފައި ވަނިކޮށް ލިބުނު ކޯނަރަކުން ގޯލެއްޖަހައި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ބީއެސްއެސްސީ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މިގޯލު ކާމިޔާބު ކޮށްދިނީ އެޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޙުސައިން އާދަމް 7، އެވެ.

ޖަނަވަރީ 1 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗުގައި މާރަންދޫ ބީއެސްއެސްސީ އާ ދެކޮޅަށް ނިކުންނާނީ މިރޭ ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާ ކުޅިމަގު އަދި ޖަންގަލް މެޗުން މޮޅުވާ ޓީމެކެވެ.