އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ ޕީޕީއެމް ދޫކޮށްލީ ރިޝްވަތުގައި ހިފައިގެން ކަމަށް ތުހުމަތުކޮށް، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު އިސްމާއިލް، މުހައްމާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.
މެމްބަރު މުޙައްމަދު އިސްމާއިލް، މުހައްމާ އަށް ފާޑުވިދާޅުވެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހއ. އިހަވަންދޫގައި ޑިސެމްބަރ 16 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“މި ސަރުކާރު ބަދަލު ކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ، އަޅުގަނޑަކަށް ލިބުނު. ހަދިޔާ ލިބުނު ގޮތްތަކެއް. ލިބުނު ވަރެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ދަންނަވާކަށް ނޭގެ. އެހަދިޔާ ލިބިގެން އަޅުގަނޑުމެންގެ މި ޕާރޓީ ދޫކޮށް ދިޔަ މެމްބަރަކު. މިރަށުގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ” ޕީޕީއެމް ދޫކުރައްވާ ދިއުމުން، ސްޕުރީމް ކޯޓުން ނެރުނު ރައުޔެއްގެ ތެރެއިން އެމަނިކުފާނުގެ ގޮނޑި ގެއްލިފައިވާ ކަމަށާއި ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ރައްޔިތުންގެ ހެވާ ލާބައަށްޓަކާ މަސައްކަތް ނުކޮށް ހުރެ މިސަރުކާރުގެ ގޯސް ވާހަކަ ދައްކަން ނުކުތުމަކީ ވަރަށް ހަޑިކަމެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
ގައުމީ ޓީވީން ވަގުތުން ދައްކަމުންދިޔަ މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ މީގެ ކުރިން މުހައްމަދު އަބުދުﷲ ސަރުކާރުގެތެރޭގަ ހުންނެވި އިރު ” އެބޭފުޅާގެ މި މައިކަޕަކާ ޤުރުއާން މުބާރާތަކާ އަނެއް އެއްޗަކާ ބޭއްވުމަށްޓަކާ، ދައުލަތުގެ އެކިއެކި މުވައްސަސާތަކުން، ކުންފުނިތަކާ މިނިސްޓްރީ ތަކުން ސްޕޮންސަރ ގޮތުގަ އެތައް ފައިސާއެއް” ނަންގަވާފައިވާ ކަމަށެވެ. މުހައްމާ އަށް އެއިރު މިސަރުކާރު ރަނގަޅުވެފަ މިހާރު މިސަރުކާރު ގޯސްވެއްޖެ ކަމަށެވެ.
މުހައްމާ، ޕީޕީއެމް ދޫކޮށްލެއްވީ ޝައިތާނާގެ ވަސްވާހުގައި ޖެހިގެންކަމަށް ސިފަކުރައްވާ މެމްބަރު މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ ” އިންސާނާ އިންސާނާގެ ގޮތުގައި އޭގެ. ރައްޔިތުންނަށްޓަކައި ﷲ އެންގެވި ހެޔޮ މަގުގަ ދަތުރުކުރަން މަސައްކަތް ނުކޮށް އެހެން ގޮތަކަށް އެމީހާގެ ވިސްނުން ބަދަލުވާހިނދު. އެމީހާއާ އެންމެ ގާތުގައި ހުންނާނީ ޝައިތާނާ. ޝައިތާނާގެ ވަސްވާހަށް … އަޅުގަނޑުމެން ތެރޭގަ މިއޮތް އަޅުގަނޑުމެން ރައްޔިތުންނަށްޓަކާ މިއޮއްބޮޑު ހޭދަތައް ކުރަމުންދާ ސަރުކާރު ތެރޭގަ. ސަރުކާރު ހިންގާ ޕާޓީގަ ހުރެފަ މިތަން ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިގެން” ދިޔުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.
ޕީޕީއެމް ދޫކޮށްލީ ރިޝްވަތު ހިފައިގެން ކަމަށް ދެއްކި ވާހަކަ ތަކާ ގުޅިގެން އެކަން ދޮގު ކުރައްވާ، މުޙައްމަދު ޢަބުދުﷲ ވިދާޅުވީ މަޖިލީހުގެ ޗެމްބަރުގައާ މީޑިއާގައި ދައްކަވާފައިހުރި ވާހަކަތަކުން އެބޭފުޅާ އަކީ ރިޝްވަތުގެ ފައިސާ ބޭނުންކުރެވިފަ ހުރި ބޭފުޅެއް ކަމަށް އަމިއްލަފުޅަށް ދިވެހި ރައްޔިތުން ކުރިމަތީގަ އިޢުތިރާފުވެފަ ހުރި މެމްބަރެއް، މުޙައްމަދު އިސްމާއިލް ނޫނީ ނޫޅޭނެ ކަމަށެވެ. އަދި މުހައްމަދި އިސްމާއިލް އަކީ، އެކަމުން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމްގަ ރައީސް ޔާމިން ދޫނުކޮށް، ރައީސް ޔާމިނަށް ސަނާކިޔާގެން ހުރުން ކަމަށް އޭނަ އަމިއްލައަށް އެތައް ބައެއްގެ ކުރިމަތީ ތަކުރާރުކޮށް އިއުތިރާފުވެފައި ހުރި މީހެއްކަމަށެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގަތީ ރިޝްވަތުގެ އެއްވެސް ފައިސާއެއް، ނުވަތަ ހަދިޔާއެއް ލިބެގެން ނޫންކަމަށް ފާހަގަ ކުރައްވާ މުޙައްމަދު ޢަބުދުﷲ ވިދާޅުވީ ޕީޕީއެމް އިން ވަކިވެވަޑައިގަތީ ރައީސް ޔާމިންގެ ވެރިކަން އަދި މިސަރުކާރުގަ ކަންކަން ހިނގާ ގޮތް ގަބޫލު ނުކުރެވޭ ދަރަޖައަށް ދިއާމަ ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރާ އެސަރުކާރުގެ ތިއްބެވި ބޭފުޅުން ކަންތައްތައް ކުރައްވަނީ އެއްވެސް އިންސާފަކުން، ހަމައަކުން ނޫން ކަމަށް ވިދާޅުވެ، މުޙައްމަދު އިސްމާއިލްވެސް ޕީޕީއެމްގައި އެ ހުންނަވަނީ މަޖުބޫރުން ކަމަށް މުޙައްމަދު ޢަބުދުﷲ ވިދާޅުވިއެވެ. ކޮންމެ ކަމެއްގެވެސް ހާލަތު ބަދަލުވެގެން ދަނީ މިދަރަޖައަށް ކަންކަން ދިއައީމަކަމަށް ބުނެ ސަރުކާރުގެ ކަންކަން ހުރީ މިދަރަޖާގަކަން، މިހާލަތުގަކަން ޤަބޫލުކުރާ ހިނދުވެސް މުޙައްމަދު އިސްމާއިލްމެން ފަދަ ބޭފުޅުންނަށް މަޖުބޫރީ ސަބަބު ތަކަށްޓަކާ ޕާޓީ ދޫކޮށް ނުކުންނަން ކެރިވަޑައި ނުގަންނަވާ ކަމަށެވެ. “ކިތަންމެ ނިކަމެތި ކަމެއް އަޅުގަނޑަށް ލިބުނުކަމުގަ ވިޔަސް، އަޅުގަނޑަށް ހަމަގައިމުވެސް ގަބޫލު ނުކުރެވޭ، ނާއިންސާފުން ކަންތައްތަކެއް ދާކަން އެނގުނީމަ އަޅުގަނޑު ޕާޓީ ދޫކޮށްލީ” މުހައްމާ ވިދާޅުވިއެވެ.
“އަސްލު ޕީޕީއެމްގެ ތެރޭގަ ހުރި އަޅުގަނޑަށް ފެންނަ އެންމެ، އެންމެ ރައީސް ޔާމިނާ އިދިކޮޅު މެމްބަރަކީ” މުހައްމަދު އިސްމާއިލް ކަމަށާ ” އޭނަ ސަލާމަތް ނުވާނެ ކަމުގެ ޔަގީންކަން އޮތީމަ އޭނަ ޕީޕީއެމް ދޫކޮށްނުލާ އެހުންނަނީ،” ކަމަށް ބުނެ މުހައްމަދު ޢަބުދުﷲ އިތުރަށް ވިދާޅުވީ މެމްބަރު މުހައްމަދު އިސްމާއިލް އެބޭފުޅާ އަރިހު ތަކުރާރުކޮށް ބުނެވޭ ބަހެއް އޮންނަ ކަމަށާއި އެއީ “އަޅުގަނޑަށް މިނޫން ގޮތެއް އޮތްނަމަ ރައީސް ޔާމިން ދޫކޮށްފަ ދާނަމޭ” އެންމެ ފުރަތަމަ މަސީހުއާ އިދިކޮޅަށް ސޮއިކުރާނެ މެމްބަރަކީ މުހައްމަދު އިސްމާއިލް ކަމަށް މުހައްމާ ވިދާޅުވިއެވެ.
މައިކަޕުފަދަ މުބާރާތްތައް ބޭއްވުމަށް ސަރުކާރުގެ ވުޒާރާތަކާ ކުންފުނި ތަކުން އެތައް ފައިސާއެއް ސްޕޮންސަރ ގޮތުގައި ނަންގަވާފައިވާކަމަށް ބުނުއްވާފައިވާ ވާހަކަ ދޮގުރައްވާ މުހައްމާ ވިދާޅިވީ މައިކަޕަކީ ސަރުކާރުގެ އެއްއވެސް ތާކުން ސޮޕޮންސަރ ނަގާގެން ބާއްވާ މުބާރާތެއް ނޫން ކަން އިހަވަންދޫގެ ރައްޔިތުންނާއި މުބާރާތް އިންތިޒާމް ކުރައްވާ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ. އެފަދަ ގޮތަކަށް ފައިސާ ނަގާނަމަ މުބާރާތް ހިނގަމުންދާއިރު ބިލްބޯޑެއް ނަމަވެސް ހުންނާނެ ކަމަށް ވިދާޅުވެ މުހައްމާ ވިދާޅުވީ ކުންފުނި ތަކުންވެސް އެބޭފުޅުންގެ ޕުރޮޑަކުޓެއް ޕުރޮމޯޓު ކުރަންވީމަ މިފަދަ ބޮޑު މުބާރާތެއްގެ ތެރެއިން އެކަންކަން ކުރައްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނިމިދިޔަ މައިކަޕުގައި ކުރި މަސައްކަތުން ޕޯލްސްޓަރ އިން ކުރި މަސައްކަތުން އެއްޗެއް ލިބިފައިވާ ކަމަށާއި ނަމަވެސް، އެއީ ކުލަބަށް ލިބުނު ސްޕޮންސަރ ކަމަށް ވިދާޅުވެ، މައިކަޕް ހިންގަމަށްޓަކައި ސަރުކާރުން އެއްވެސް ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.