Banner Image Description

އަޅުގަނޑު ދުނިޔޭގައި ލެހެއްޓެވިހާ ދުވަހަކު މައިކަޕް މުބާރާތް އިހަވަންދޫގަ ދެމިއޮންނާނެ: މުޙައްމަދު ޢަބުދުﷲ

ޢަބުދުﷲ ޙަމީދު

މައިކަޕް ފުޓުބޯޅަ މުބާރާތް ކުރިއަށް އޮތްތަނުގައިވެސް ﷲގެ އިރާދަފުޅާއެކު އޮންނާނެ ކަމަށް މައިކަޕް ފުޓުބޯޅަ މުބާރާތުގެ ބާނީ މުޙައްމަދު ޢަބުދުﷲ ވިދާޅުވެއްޖެ އެވެ.

އެބޭފުޅާ މިހެން ވިދާޅުވެފައި ވަނީ 11 ވަނަ މައިކަޕް ފުޓުބޯޅަ މުބާރަތް ރަސްމީކޮށް ފެށުމަށް ރޭ އިހަވަންދޫ ހުރަވީ ދަނޑުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަރަށް ގިނަ ބޭފުޅުން މައިކަޕް މުބާރާތާމެދު ސުވާލު ކުރަމުންދާ ކަން ފާހަގަ ކުރައްވާ، މުހައްމަދު ޢަބުދުﷲ ވިދާޅުވީ މައިކަޕް މުބާރާތަކީ މީގެ 11 އަހަރު ކުރިން ފެށިފައިވާ މުބާރާތެއް ކަމަށާ ސިޔާސީ އެއްވެސް ވިސްނުމެއް ހުރިއިރެއްގައި ފެށި މުބާރާތެއް ނޫން ކަމަށް ވިދާޅުވެ، މިމުބާރާތް އިރާދަ ކުރެއްވިޔާ އޮންނާނެ ކަމަށެވެ.

މިފަދަ މުބާރާތެއް މި ބޭއްވެނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންކަން ފާހަގަ ކުރައްވާ، މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަރަށް ބުރަ މަސައްކަތެއް ކުރެވިގެން ނޫނީ މިފަދަ މުބާރާތެއް ނުބޭއްވޭނެކަމަށް ވިދާޅުވެ، މިފަހަރުގެ މުބާރާތަށް އަލި ރަނގަޅު ކުރުމަށް ކުލަބު ޕޯލްސްޓަރ އަދި ރަށުގެ ޒުވާނުންނާ ކުރި މަސައްކަތް ފާހަގަ ކުރެއްވި އެވެ.

މުހައްމަދު ޢަބުދުﷲ ވިދާޅުވީ އެބޭފުޅާގެ އުއްމީދަކީ މުބާރާތް، ދުވަހެއް ދުވަހަކަށްވުރެ ރަނގަޅުވެ، ކުރިއަރާ މުބާރާތުގެ ތެރެއިން ޤައުމީ ލެވެލްގަ ގައުމީ ފެންވަރުގަ ކުޅޭނެ ކުޅުންތެރިންތަކެއް އުފެދިގެން ދާތަން ދެކުން ކަމަށެވެ.