ފެނަކަ މާރަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ޢަބުދުﷲ ޙަމީދު

ފެނަކަ މާރަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އައު އޮފީހުގެ ބިންގާ އަޅާފައި ވަނީ މިއަދު ހެނދުނު 9:30 ގައި މިކަމަށްޓަކައި މާރަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފެނަކަ މާރަންދޫ ބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ.

މިރަސްމިއްޔާތިގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ މިސަރުކާރުން އަޅާ ބިންގާ “މައްޗަށް އަރާނެ” ކަމަށެވެ. މަޝްރޫއުތައް ހިންގަނީ އިންތިހާބައްތޯ އުފައްދާ ސުވާލަށް ޖަވާބުދެއްވަމުން ޝިފާޢު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގައި މިސަރުކާރަށް އިންތިހާބެއް، އެހެން ދުވަސްވަރެއް ހާއްސައެއް ނުވާނެކަމަށެވެ. އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު މާރަންދޫގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓުގެ ހިދުމަތާމެދު އޮތް ޝަކުވާކަން ފާހަގަ ކުރައްވާ ފެނަކައިގެ ފަރާތުން މިކަމަށް ހައްލެއް ގެނެސްދީފައިވާކަމަށެވެ.

މާރަންދޫ ކައުންސިލުން ފެނަކަ މާރަންދޫބުރާންޗުގެ އައު އޮފީސް އެޅުމަށް ދޫކޮށްފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ވަނީ މިމަހުގެ 6 ވަނަ ދުވަހު ފަށައިގެން ނިންމައިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަނީ އޮފީސް އިމާރާތް އެޅުމަށް ދޫކޮށްފައިވާ ސަރަހައްދަކީ އެންމެ ރަނގަޅު ސަރަހައްދު ނޫންކަން ފާހަގަ ކުރައްވާ ކައުންސިލުން މިކަމާމެދު އަލުން ވިސްނުމަށް އެދިލައްވާފައެވެ.

2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ހއ. މާރަންދޫގައި ފެނަކައިން އައު ދެ މަޝްރޫޢު ހިންގާފައި ވެއެވެ. އެއީ މާރަންދޫގެ ކަރަންޓުގެ ނެޓުވޯކު އަޕްގުރޭޑް ކުރުމާއި ޖެނެރޭޓަރ ސެޓުތައް ސިންކުރޮނައިޒް ކުރުމުގެ މަޝްރޫއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެރަށުގައި 1053 މީޓަރުގެ ކޭބަލް އަޅާފައިވާއިރު 250 ކިލޯވޯޓުގެ ޖަނަރޭޓަރ ސެޓެއް އެރަށަށް އިތުރުކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ހާމަކުރައްވަ އެވެ.