އިހަވަންދޫއިން ގިނަބަޔަކު ޕީޕީއެމްއަށް ސޮއިކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ގިނަބަޔަކު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެމީހުން ވެރިކަންކުރާ ޕީޕީއެމްއަށް ސޮއިކުރީ ރޭ އޮތް ރަސްމިއަޔާތެއްގައި، މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް އިހަވަންދޫއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ އަދި ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އިސްމާއިލްގެ ހާޒިރުގައެވެ.

ޑރ ޝައިނީ މިކަމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިހަވަންދޫއިން 80 އަށްވުރެ ގިނަމީހުން ޕީޕީއެމްއާ ގުޅިއްޖެ ކަމަށާއި އޭގެތެރޭގައި، އިހަވަންދޫގައި ބާއްވާ އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ޝާހިދުވެސް ހިމެނޭކަމުގައެވެ. ޝައިނީ އިތުރަށް ވިދާޅުވެފައިވަނީ އެމީހުން ޕީޕީއެމްއާއި ގުޅުނީ، އެމީހުންގެ އަގުވައްޓައިލި އެމްޑީޕީގެ ކައުންސިލަރުންނަށް ދިން ޖަވާބެއްގެ ގޮތުގައި ކަމަށެވެ.

ބެލެވޭގޮތުގައި، “އެމީހުންގެ އަގުވައްޓައިލި” ކަމަށް ޝައިނީ އިޝާރާތް އެކުރެއްވީ މަސްވެރިންގެ ދުވަހާގުޅިގެން އިހަވަންދޫގައި ހިނގާދިޔަ ކަންކަމަށެވެ.