Banner Image Description

އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި

މުޙައްމަދު އަކުރަމް

އިހަވަންދޫ އާސާރީ މަގު، އިހަވަންދޫ ސްކޫލްގެ ގޯއްޗަށް އިތުރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ކައުންސިލުން ނިންމީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 101 ވަނަ އާންމުޖަލްސާގައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އިހަވަންދޫ ސްކޫލްގެ ކުރީގެ އޮފީސް އިމާރާތް ތަޅާލައި އަލަށް އިމާރާތްކުރުމާށް ނިންމާފައިވާ 16 ކުލާސްރޫމްގެ އިމާރާތް އެޅުމަށް އިހަވަންދޫ ސްކޫލާއި އާސާރީ މިކިތާދެމެދު އޮންނަ ގޯޅި އިހަވަންދޫ ސްކޫލްގެ ގޯއްޗަށް އިތުރުކޮށްދިނުމަށް އެދިފައެވެ. މިމައްސަލައާއިމެދު ކައުންސިލްގައި މަޝްވަރާކުރެވުނު ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުން ފާހަގަކުރެއްވީ މިނިސްޓްރީއިން އެދިލައްވާފައިވާ ގޮތަށް ސްކޫލަށް ބިން އިތުރުކޮށްދިނުމަށެވެ. ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ކައުންސިލްގެ ނައިބް މުހައްމަދު އަރީބް ހުށަހެޅުއްވި ހުށަހެޅުމެވެ. އަރީބް ހުށަހެޅުއްވީ، އަލަށް އެޅުމަށް ހަމަޖެހިފައިވާ 16 ކުލާސްރޫމް އިމާރާތް އެޅުމަށްޓަކައި ސްކޫލްގެ އުތުރު ފަރާތާއި އިންވެގެން އޮތް ގޯޅި ސްކޫލްގެ ގޯއްޗަށް އިތުރުކޮށްދިނުމަށާ، އެއީ ޤަބުރުސްތާނާއި އިންވެގެން އޮތް ގޯޅިކަމަށްވުން އެބިން ބޭނިންކުރުމުގެ ކުރިން އެބިމުގައި ޤަބުރު ހުރިތޯ ބެލުމަށްފަހު، ޤަބުރުހުރިނަމަ އޮންނަ އުސޫލްގެ ތެރެއިން އެބިން ސާފުކުރުމަށްފަހު ބޭނުންކުރުމަށެވެ.

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އިހަވަންދޫ ސްކޫލްގައި 4 ބުރީގެ އިމާރާތެއް އިމާރާތްކުރަން 0.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.