2022-2021 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް މުހައްމަދު އުނައިޝް އާއި ހަސަން ސިޔާދު ހޮވިއްޖެއެވެ.
މުހައްމަދު އުނައިޝް ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ހަސަން ސިޔާދު އެވެ.
މަތީ ޘާނަވީ ބައިން ބެސްޓް އޯލް ރައުންޑް ހޯދި ހަސަން ސިޔާދުވަނީ މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުން 5 އޭ ސްޓަރ ހޯދައިގެން ރައީސުލް ޖުމްހޫރިއްޔާދެއްވާ ހާއްސަ ސޮކޮލާޝިޕް ހާސިލް ކޮށްފައެވެ. ކިޔެވުމުގެ އިތުރުން ސިޔާދު ފާހަގަ ކުރެވިފައިވަނީ އަދަބީ ހަރަކާތްތަކުންވެސް ވިދާލި ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން 35 ވަނަ ވާހަކަ ދެއްކުމުގެ ޤާއުމީ މުބާރާތުގެ މަތީ ޘާނަވީ ބައިގައި ސްކޫލް ތަމްސީލްކުރި ޓީމްގައި ހިމެނިފައެވެ.
ޘާނަވީ ބައިން ބެސްޓް އޯލް ރައުންޑް ހޯދި މުހައްމަދު އުނައިޝްވަނީ ޘާނަވީ ނިންމާ އިމްތިހާންތަކުން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނާގައި ހިމެނިފައެވެ. އުނައިޝްއަކީވެސް ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުންވެސް ރަން ވަނަތަކެއް ހާސިލްކޮށްފައިވާ ދަރިވަރެކެވެ. އެގޮތުން އުންއިޝްވަނީ 35 ވަނަ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރައިން 2 ވަނަ ހޯދާފައެވެ. އަދި 36 ވަނަ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން ޘާނަވީ ބައިން އުނައިޝް ވަނީ 1 ވަނަ ހޯދާފައެވެ.
2022-2021 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް “ބެސްޓް އޯލް ރައުންޑް” ސްކައުޓަކަށް ހޮވިފައިވަނީ އިބްރާހިމް ސަމާހްއެވެ. އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށްވެސް ހޮވިފައިވަނީ އިބްރާހިމް ސަމާހް އެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓް ، ބެސްޓް އޯލް ރައުންޑް ކެޑޭޓަކަށް ހޮވިފައިވަނީ ފާތިމަތު ޝައިހާ އަބުދުލް ސައްތާރެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށްވެސް ހޮވިފައިވަނީ ފާތިމަތު ޝައިހާ އަބުދުއް ސައްތާރެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކަށް ހޮވިފައިވަނީ ފާތިމަތު ލުޔޫނާ އަބުދުލް ވައްހާބުއެވެ.
2021 ވަނަ އަހަރު މޭ/ޖޫން ގައި ބޭއްވި އެޗްއެސްއީ އިމްތިހާނުގެ އިސްލާމް މައްދާއިން މުޅި ރައްޖެއިން އެއްވަނަ ހޯދައިގެން އާމިނަތު ޒަހާ ޒާހިރު، ޒޭވަރު ހއ. އިހަވަންދޫ އަށްވަނީ ބްރިލިއަންސް އެވޯޑް ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އޮކްޓޯބަރ/ނިވެމްބަރ މަހު ބޭއްވި ޖީސީއީ އޭލެވެލް އިމްތިހާނުގެ އެކައުންޓންގ މާއްދާއިން ސައްތައިން ސައްތަ މާކުސް ހޯދައިގެން މުޅިދުނިއެއިން އެއްވަނަ ލިބިފައިވާތީ އާއިޝަތު ސަހާ، ޖަވާހިރުމާހެ ހއ. އިހަވަންދޫ ވެސްވަނީ ބްރިލިއަންސް އެވޯޑް ހާސިލްކޮށްފައެވެ.
25 އަހަރަށްވުރެ ދިގުމުއްދަތަކަށް ސްކޫލަށް ހިދުމަތް ކޮށްފައިވާތީ ދިވެހި ޓީޗަރ މޫސާ އަލީ އަށްވަނީ ރިހި ހިދުމަތުގެ އިނާމް ދީފައެވެ. މީގެ އިތުރުން ލީޑިން ޓީޗާ އަލީ ސްޒޭނަށްވަނީ އިޖާދީ އިނާމު ދީފައެވެ، އީޖާދީ އިނާމަކީ ސްކޫލްގެ ކުރިއެރުމާއި ހިންގުމަށް ނުވަތަ އުނގަންނައި ދިނުމުގެ ވައްޓަފާޅިއަށް ގެނެވޭ އިނެވޭޓިވް ނުވަތަ އުފެއްދުންތެރި އިންޤިލާބީ އައު ބަދަލެއް ގެނެވޭފަދަ އީޖާދެއްކުރުން ނުވަތަ އެފަދަ ވަސީލަތެއް ސްކޫލްގައި ޤާއިމްކޮށްރުމުގެ ބައިން ފާހަގަކޮށްކެވޭފަދަ އީޖާދެއްކުރުމުން ދެވޭ އިނާމެކެވެ. އަލީ ސްޒެއިން ވަނީ އެކަޑަމިކް ޕާފޯމެންސް އެނަލައިސިސް އެންޑް ސާވޭ ސިސްޓަމެއް ތައްޔާރުކޮށްފައެވެ.
ހުކުރު ވިލޭ ރޭ އިހަވަންދޫ ސްކޫލްގެ އައު މަލްޓި ޕާޕޯސް ހޯލް އިމާރާތުގައި ބޭއްވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހްމަދު ސައީދު މުހައްމަދުއެވެ.