ލައިސަންސް ޓްރެކްގެ ނުނިމިހުރި މަސައްކަތް ފެނައާރާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ނުނިމިހުރި މަސައްކަތް ކުރުމަށް ފެނައާރު އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

ފެނައާރު އިންވެސްޓްމަންޓާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެހީތެރިކަމާއިއެކު އިހަވަންދޫ ކައުންސިލުން ކުރިޔަށްގެންދިޔަ އެމަސައްކަތް ކުރިޔަށް ގެންދެވޭގޮތް ނުވުމުންނެވެ. އިހަވަންދޫ ކައުންސިލުން ތަކެތި ފޯރުކޮށްދިނުމުން ލައިސަންސް ޓްރެކްގެ މަސައްކަތް އެމްޓީސީގެ އެހީތެރިކަމާއި އެކު ފެށިނަމަވެސް ވަކިވަރަކަށް މަސައްކަތްކުރުމަށްފަހު އެމްޓީސީސީއިން އެމަސައްކަތް ކުރިޔަށް ނުގެންގޮސް ހުއްޓާލީއެވެ. މަސައްކަތް ހުއްޓުނުއިރު އިހަވަންދޫ ކައުންސިލުންވަނީ ޓްރެކަށް ބޭނުންވާ ގިނަ އަދަދެއްގެ ރޯމެޓީރިއަލް ސައިޓަށް ގެނެސްފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ފެނައާރު އިންވެސްޓްމަންޓާއި އެމަސައްކަތް ހަވާލުކުރީ 84996ރ ގެ އަކަށް 19 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. ސޮބާހް ވިދާޅުވި ގޮތުގައި އަދި ނިމިފައިވަނީ ލައިސަންސް ޓްރެކްގެ %30 މަސައްކަތެވެ.